ޚަބަރު

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު %51 އިތުރުކޮށްފި


  • ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކުރީ 3 ހަފުތާގެ މުއްދަތައް

  • މީގެ ކުރިން ރޯދަ މަހު މިއަދަދު %32 އިތުރުކުރި

ބޭންކިން ނިޒާމުގެ ތެރެއިން ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރުފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމައިފިއެވެ.

މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް މި ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފިޔަވަޅުތައް ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެން ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ބޭރުފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކުރިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްފައެވެ.