މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވަނީ ޒަކާތު ހައުސިންއިން މިދިޔަ އަހަރު ހޭދަކުރި ކަންކަމާއި ކުރި މަސައްކަތްތަކުގެ ތަފްސީލްތައް އާންމުކޮށްފައެވެ.
މި ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކުރިއެވެ. މީގެއިތުރުން ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3500 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން މި ފަންޑުން ދަރަނިވެރިންނަށް 1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން އެހީ ހޯދުމަށްޓަކައި ޒަކާތު އިދާރީ ކޮމިޓީއަށް 2111 މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަތުގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސާފައެވެ. މިގޮތުން މިިދިޔަ އަހަރު އެހީގެ ގޮތުގައި 23.14 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ބޭސް ފަރުވާއަށް ހަމަޖައްސައިދިން އެހީއެވެ.
- ކެންސަރު: 5.2 މިލިޔަން ރުފިޔާ
- ހިތުގެ ބަލިތައް: 710،101.43 ރުފިޔާ
- ޓްރާންސްޕްލާންޓް: 3.5 މިލިޔަން ރުފިޔާ
- ސިކުނޑީގެ ބަލިތައް: 1.6 މިލިޔަން ރުފިޔާ
- ފުއްޕާމޭގެ ބަލިތައް: 929،403.13 ރުފިޔާ
- ކިޑްނީ ބަލިތައް: 646،251.50 ރުފިޔާ
- އެހެނިހެން: 10.3 މިލިޔަން ރުފިޔާ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލާއެކު އެ ދަފްތަރުގައި ރަޖިސްޓަރވުމަށް ހުޅުވާލުމުން މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމާއި އަތޮޅުތެރެއިން 311 ފޯމް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 77 ރަށަކުން އެއްވެސް މީހަކު ރަޖިސްޓަރވެފައިނުވާކަން ފާހަގަކުރެވެއެވެ. އެއާއެކު އެ މުއްދަތުގައި 2852 މީހުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވެއެވެ.
މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބުނުއިރު 2772 މީހުންނަށް ބޮަލަކަށް 4500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ބަހާފައިވެއެވެ. މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 107.20 މިލިޔަން ރުފިޔަ ލިބުނުއިރު ދަފްތަރުގައި ތިބި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާގެ ރޭޓުން ޖުމުލަ 14.26 މިލިޔަން ރުފިޔާ ބަހާފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.