ޚަބަރު

މާޒިޔާގައި މޮޅެތި ކުޅުންތެރިން އެބަތިބި، އެޓީމަށް އިޙުތިރާމް ކުރަން: ރެގާރު ޓަޑާޒްގެ ކޯޗު


މާޒިޔާ އަކީ މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށާއި، އެ ޓީމަށް ނުހަނު އިޙުތިރާމްކުރާކަމަށް ރެގާރު ޓަޑާޒްގެ ކޯޗު. ޓުޚްތައޭވް އަލިޝާރު ބުނެފިއެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާއާއި ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ، މާޒިޔާގެ ކުޅުންތެރިންގެ ކުޅުން ކޮންމެވެސް މިންވަރަކަށް ބަލާފައިވާނެ ކަމަށެވެ. އަދި މިފަހުން ގުޅުނު ބިދޭސީ ކުޅުންތެރިންގެ ކުޅުންވެސް ފެނިފައިވާ ކަމަށާއި ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބިކަމަށް ކޯޗު ބުންޏެވެ.

މާޒިޔާއަށް ދޭންޖެހޭ ފުރިހަމަ އިޙުތިރާމް ދިން ނަމަވެސް، މި މެޗާ ކުރިމަތިލާނީ މޮޅުވުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށާއި، އަމިއްލަ ޓީމާއިމެދު ނުހަނު އިތުބާރު އޮތްކަމަށް ކޯޗު ބުނެފައިވެއެވެ.

މި މެޗު ފުރަތަމަ ކުޅެން ތާވަލުކޮށްފައި އޮތީ މިއަދުއެވެ. އެހެންނަމަވެސް ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން އެ ޓީމަށް ރާއްޖެ އާދެވުނީ މިއަދުއެވެ. މިއާއެކު މި މެޗު މާދަމާއަށް ވަނީ ލަސްކޮށްފައެވެ. ދިމާވި މި ހާލަތަކީ ޓީމަށް އުނދަގޫ ހާލަތަކަށްވީ ނަމަވެސް، އެއީ އުޒުރަކަށް ނުހަދާނެކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ރެގާރު ޓަޑާޒްގެ ޑިފެންޑަރު ޖޯސެފް ފެއުމްބާ ވަނީ ބުނެފައެވެ.

މެޗުގައި ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް ދައްކާނީ އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ކަމަށާއި މި މެޗަށް ނުކުންނަނީ މާޒިޔާ ބަލިކޮށް، މުބާރާތުގައި ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމުގައިކަމަށް ފެއުމްބާ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާއާއި ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ، ރާއްޖެ ގަޑިން 15:00ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.