ޚަބަރު

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރަން ހުށަހަޅައިފި


  • ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގެ އެކައުންޓަށް

  • 100% ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަން ޖެހެނީ ބޭރު ފައިސާގެ އާމްދަނީގެ %7

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާބެހޭ ޤާނޫނު" އަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.

ސަރުކާރުން ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަޢާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކުރުމާއި ޤާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައިވާ ގޮތުގައި ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.

މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ވަނީ އިސްލާހުގައި ބަޔާންކޮށްފައެވެ.

މި އިސްލާހުގައި ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިުޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މިހާރު ޤާނޫނުގައިވާގޮތުން އެފަރާތްތަކުން މާރުކުރަންޖެހޭނީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ %20 އެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %7 ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކަށް ގެނައި އިސްލާހަށް އަމަލުކުރުމަށް އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން ކަނޑައަޅައި ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިސްލާހުކުރާ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހު ގެންނަންވާނެ ކަމަށްވެސް "ބޭރު ފައިސާއާބެހޭ ޤާނޫނު"އަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.