ޚަބަރު

"ވާދަވެރި މެޗެއް ނުކުޅެ ލީގަށް ނުކުންނަށް ޖެހުމަކީ ޗެލެންޖެއް"


  • "އަނެއް 4 ޓީމަށް ބައިވަރު މެޗުތަކެއް ލިބިފައި ހުރުމާއެކު އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވެގެން އެބަދޭ."

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ނުކުންނައިރު، ވާދަވެރި މެޗެއް ނުލިބި ސީދާ ލީގަށް ނުކުންނަން ޖެހުމަކީ ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މާލީ ހާލަތުގެ އަޑިގަނޑުން އަރައިގަނެ ވިކްޓްރީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަނުގައި ޖުމްލަކޮށް ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. އެކަމަކު މި ސީޒަނަށް އެ ޓީމުން ވަނީ ކުރީގެ ސްކޮޑަށް ބޮޑު ބަދަލެއް ގެނަސް ސްކޮޑް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ޓީމަށް މި ސީޒަނުގައި ގުޅުނު މުހިންމު ކުޅުންތެރިންގެ ތެރޭގައި އިތުބާރު ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ އިތުރުން ނާއިޒް ހަސަން (ދާދު) ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެސް އެ ޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ.

ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވާން ވިކްޓްރީއިން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ޝިޔާޒް ބުނީ ވިކްޓްރީއަށް ލީގަށް ނުކުންނައިރު، ގޮންޖެހުން ބޮޑު ކަމަށެވެ. އެގޮތުން ލީގުގައި ވާދަކުރާ ވަރުގަދަ ހަތަރު ކްލަބް ލީގަށް ނުކުންނައިރު، އެ ޓީމުތަކަށް ވާދަވެރި މެޗުތަކެއް ލިބިފައިވުން އެއީ އެ ޓީމުތަކަށް އެޑްވާންޓޭޖެއް ކަމަށެވެ. އޭގެ ބަދަލުގައި ވިކްޓްރީއިން ލީގަށް ނުކުންނައިރު، މެޗުތަކެއް ނުލިބި ސީދާ ލީގަށް ނުކުންނަން ޖެހުން ވާނީ ޗެލެންޖަކަށް ކަމަށް ޝިޔާޒް ބުންޏެވެ.

"މީގަ އިން ޑިސްއެޑްވާންޓޭޖަކީ އަނެއް ހަތަރު ޓީމު (ކަޕް ވިނާސް ކަޕް ކުޅޭ ހަތަރު ޓީމު) އަށް ބައިވަރު ކޮމްޕެޓިޓިވް މެޗުތަކެއް ލިބިފައި ހުރުމާއެކު އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ހަމަ ދެ ގުނަ ވެގެން އެބަދޭ." ޝިޔާޒް ފާހަގަކުރިއެވެ.

ޝިޔާޒް ވަނީ ލީގަށް ވިކްޓްރީއިން ނުކުންނައިރު، އެ ޓީމުގައި މިހާރު އޮތް ސްކޮޑާމެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައެވެ. އަދި ވިކްޓްރީއިން މި ސީޒަނާ ކުރިމަތިލާނީ ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ޓީމުގެ އަސްލު މަގާމަށް އައުމަށް ކަމަށްވެސް ޝިޔާޒް ވަނީ ބުނެފައެވެ.