އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީއިން ކުއްލި އެހީގެ ގޮތުގައި ރާއްޖެއަށް 50 މިލިޔަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާގެ ލޯނެއް ދޭން ނިންމައިފިއެވެ.
އޭޑީބީއިން ބުނީ، މި ލޯނުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް"އަށް އެހީތެރިވުން ކަމަށެވެ. މި ލޯނުގެ ސަބަބުން ރާއްޖޭގެ ތެލުގެ އިމްޕޯޓާއި، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަގުފަހިވާނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ ރައީސް މަސަޓޯ ކަންޑާ ވިދާޅުވީ، ހަނގުރާމައެއްގެ އަސަރު އާއިލާއެއްގެ ދިރިއުޅުމަށް ފޯރުމަށްޓަކައި، އެ ހަނގުރާމައެއް ގައުމުގެ ބޯޑަރު ހުރަސްކުރާކަށް ނުޖެހޭ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކުގެ އަސަރު ބޭސްފަރުވާގެ އަގުތަކުންނާއި، ގޭބިސީތަކަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭ މިންވަރުން ފެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކަންޑާ އިތުރަށް ވިދާޅުވީ، ދުރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ޚިދުމަތް ޔަގީންކޮށްދިނުމަށް އޭޑީބީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ތެޔޮ އެތެރެ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރަށް ވަނީ، ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް 94 އިންސައްތަ ބޭނުންކުރަނީ އެތެރެކުރާ ތެޔޮ ކަމަށްވާއިރު، ބޯފެން އުފައްދާ ޕްލާންޓުތައް ހިންގުމަށްވެސް ބަރޯސާވަނީ މި ތެލަށެވެ. އެހެންކަމުން، ތެޔޮ ލިބުމަށް ބުރޫ އަރައިފިނަމަ އިތުރު ގޮތްތަކެއް ރާއްޖެއަކަށް ނެތެވެ.
އޭޑީބީން ދޫކުރާ މި ލޯނުގެ އެހީގައި، ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކާބޯތަކެއްޗާއި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމަށާއި، ރަށްތަކުގެ މެދުގައި މީހުންނާއި މުދާ އުފުލުމުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ބޭނުންވާ ޑީސަލް އެތެރެ ކުރުމަށް މަގުފަހިވާނެއެވެ. އޭޑީބީގެ މި އެހީގެ އިތުރުން، ހަމަ މި ބޭނުމަށް ވޯލްޑް ބޭންކުންވެސް ވަނީ 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.