ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހަނިމާދޫގެ މައްޗަށް ނޮޅިވަރަންފަރުން ކުރިހޯދައިފިއެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، މެޗުގެ ފުރަތަމަ ހާފުގައި، 15ވަނަ މިނެޓުގައި މުޙައްމަދު ސާމިޙް ފަތުހުﷲ ނޮޅިވަރަންފަރަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސާމިޙް އެވެ.
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ހދ. އަތޮޅުން ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްދަނީ މި 6 ޓީމު ދެ ގުރޫޕަކަށް ބަހާލައި، ކޮންމެ ގުރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެ ޓީމެއް ކޮންމެ ގުރޫޕަކުން ވެސް ސެމީއަށް ދަތުރުކުރާނެއެވެ.
މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވާ ޓީމުތަކުގެ ތެރެއިން ގްރޫޕް އޭގައި ކުޅެނީ ނޮޅިވަރަންފަރާއި ހަނިމާދޫގެ އިތުރުން ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ނޭކުރެންދޫއާއި ނައިވައިދޫ އަދި ކުރިނބިއެވެ.
މި ގުރޫޕުގައި މިރޭ ނޭކުރެންދޫއާއި ނައިވާދޫ ބައްދަލުކުރާނެއެވެ. ހދ އަތޮޅުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައެވެ.