ޚަބަރު

ޗެސް އެސޯސިއޭޝަނުގެ ހިންގުން އޮލިމްޕިކް ކޮމިޓީގެ ދަށަށް


  • އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަލުން އިންތިޚާބުކުރާނެ

  • ދެމަސްތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ

ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ ސަސްޕެންޑުކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން އެ އެސޯސިއޭޝަންގެ ހިންގުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) އާ ހަވާލުކޮށްފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވީ، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އެތެރޭގެ ބައެއް މައްސަލަތައް ހުރުމާއި، އެ ކޮމިޓީގެ ކޯރަމް ގެއްލިފައިވާތީއާއިއެކު، އެ އެސޯސިއޭޝަނުގެ ހިންގުމުގެ ކަންކަން ވަގުތީ ގޮތުން އެމްއޯސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދެން އެ އެސޯސިއޭޝަންގެ އިދާރީ ކަންކަމާއި އެ އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމުގެ އެންމެހާ ކަންކަން ވެސް ކުރިއަށް ގެންދާނީ، އެމްއޯސީން އެކަމަށްޓަކާ އެކުލަވާލާ ޙާއްސަ ކޮމިޓީއަކުން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ނިންމުން ނިންމާފައި ވަނީ ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިންކަމަށް ވެސް ޠަލާލް ވިދާޅުވިއެވެ.

ޠަލާލް އިތުރަށް ވިދާޅުވީ، އެމްއޯސީން އެކުލަވާލާ ކޮމިޓީން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޗެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށް ނިންމަން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި ޗެސް އެސޯސިއޭޝަންގެ ހިންގާ ޤަވައިދަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، އެ ބަދަލެއް ގެނައުމުގެ ކަންކަން ވެސް އެ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާނެކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ.

މި ހުރިހާ މަރުހަލާއެއްގައި ވެސް، ޗެސް އެސޯސިއޭޝަންގެ މެމްބަރު ކުލަބުތަކުގެ ބައިވެރިވުން އޮންނާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.

ޠަލާލް ވިދާޅުވީ، ޗެސް އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންތައްތަކާއި އިދާރީ އެންމެހާ ކަންތައްތަކާ ގުޅޭގޮތުން ކުރާ އެންމެހާ މުއާމަލާތަކާއި އެހެނިހެން ކަންތައްތައް ވެސް ކުރާނީ، އެމްއޯސީގެ ފަރާތުން ދުނިޔޭގެ ޗެސްގެ މައި އިދާރާ، "ފިޑޭ"ގެ އިރުޝާދާއި ލަފާގެ މަތިން ކަމަށެވެ.

ޗެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ސަސްޕެންޑުކޮށް، އެ އެސޯސިއޭޝަންގެ ހިންގުން އެމްއޯސީއާ ހަވާލުކޮށްފައިވާއިރު، އެ އެސޯސިއޭޝަނަށް ސަރުކާރުން ދޭ ފައިސާއަށް ހިޔާނާތްތެރިވިކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މައްސަލައެއް، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން އަންނަނީ ބަލަމުންނެވެ.

"ޕީއެސްއެމް ނިއުސް" އަށް ލިބިފައިވާ ބޭންކް ސްޓޭޓްމަންޓުތަކުން ދައްކާ ގޮތުގައި، 12 މަސް ދުވަހުގެ ތެރޭގައި ޗެސް އެސޯސިއޭޝަންގެ ރަސްމީ އެކައުންޓަށް ޖަމާވި 1,528,001ރ (އެއް މިލިއަން ފަސްލައްކަ އަށާވީސް ހާސް އެއް ރުފިޔާ)ގެ ތެރެއިން 1.46 މިލިއަން ރުފިޔާ، އެ އެސޯސިއޭޝަންގެ ރައީސްގެ ގޮތުގައި ހުރި ނޫހުގެ އަމިއްލަ އެކައުންޓާއި އާއިލީ މެމްބަރުންގެ އެކައުންޓުތަކަށް ފޮނުވާފައިވެއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނޫހު ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ އަދާހަމަ ހިއްސާކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މިނިވަން ފާމަކާ ހަވާލުކޮށްގެން އެ އެސޯސިއޭޝަންގެ އޮޑިޓެއް ހަދަމުންދާ ކަމަށެވެ. އެ އޮޑިޓުން ފާހަގަވާ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ދެއްވާފައެވެ.