މާލެ އަތޮޅު ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.
މި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށެވެ. މަސައްކަތު ބައްދަލުވުމުގައި ގުރައިދޫ ކައުންސިލުގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކުން 30 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މި މަސައްކަތު ބައްދަލުވުން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއިޝަތު ޞަފޫރާއެވެ. މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޞަފޫރާ ވަނީ، މަސައްކަތު ބައްދަލުވުން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްފައެވެ.
ރަސްމިއްޔާތު ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ އާއިޝަތު ޞަފޫރާ ވިދާޅުވީ، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގިނަ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ، ކާރިސީ ހިރާސް ކުޑަކުރުމަށާއި މިފަދަ ހާލަތްތަކަށް ތައްޔާރުވެފައި ތިބޭ މުޖުތަމައެއް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
"ހުރިހާ ބޭފުޅުންވެސް ވަރަށް އެކީގައި އެކިއެކި މުއައްސަސާތަކުގެ ބައިވެރިންވެސް ހަމަ އެއް ޓީމެއްގެ ގޮތައް މަސައްކަތް ކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޑިޒާސްޓާ މެނޭޖްމެންޓް ޕްލޭން އެކުލަވާލުމާއި އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީނު ކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނެ." ސްޓޭޓް މިނިސްޓަރ އާއިޝަތު ޞަފޫރާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ބައިވެރިން ވަނީ، މިފަދަ ޕްރޮގްރާމެއް އެރަށުގައި ބޭއްވުމަކީ ކާރިސީ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ތަފާތު ގޮތްތައް ދަސްވެގެންދިޔަ ޕްރޮގްރާމެއްކަން ފާހަގަކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން މިފަދަ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވިފައިވާ ކަމަށް ބައިވެރިން ބުންޏެވެ.
5 ދުވަހުގެ މުއްދަތަށް ބޭއްވި މި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ 3 ދުވަހު ވަނީ، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ފަހު 2 ދުވަހު ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމު ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މިއީ ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ރަށްރަށުގައި ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުން ދިޔަ ފްރޭމްވޯކް އިސްލާޙު ކުރުމަށްފަހު، އެކުލަވާލި ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކުގެ ދަށުން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ލަގްޒަންބާގއާއި ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީއާއެކު ޔޫއެންޑީޕީން ކުރިއަށް ގެންދާ ރިޑްސް އިން ސިޑްސް ޕްރޮގްރާމުގެ މާލީ އެހީތެރިކަމާއެކު ކަމަށެވެ. އަދި ޔުނިސެފްގެ އެހީތެރިކަމާއެކު މި ތަމްރީނުތައް އިތުރު ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.