މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަފުށި ޕޯޓުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއު ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއަކީ އެއީކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ވަރަށް ބާރަށް އެ މަސައްކަތް އެބަ ހިނގާ. ސަރުކާރުގެ އަމާޒަކީ، މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 އަށް އެތަން ހުޅުވުން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ، ރައީސް މުޢިއްޒުގެ އެންމެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅުކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަޝްރޫޢު ނިމުމުން މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ތިލަފުށީގައި ޤާއިމްކުރާ ބަނދަރަކީ ޒަމާނީ ބަދަލުތަކާއިއެކު، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން އެކުލަވާލާ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރެކެވެ. މިއީ، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
މި ބަނދަރު އެކުލަވާލަނީ ޒަމާނީ ކޮންޓޭނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކާއި އެކުގައެވެ. އަދި އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން ބޮންޑެޑް ވެއަރހައުސްތައްވެސް މި ބަނދަރުގައި އެކުލެވިގެންވެއެވެ.