ޚަބަރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ހަވާ އަރުވައިފި


  • ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އުތީމުގައި

  • ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާ

  • ޤައުމީ ދުވަހުގެ ހަރަކާތްތަކަށް މުޅި ރަށްވަނީ ތައްޔާރުވެފައި

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ހަވާ އަރުވައިފިއެވެ. އުތީމަކީ، މިއަހަރު ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުން ކުރިއަށް ގެންގޮސްފައިވަނީ، އުތީމު މޫސާމަގު ބީޗު ސަރަޙައްދުގައެވެ. މިރޭ 21:00 ގައި ހަވާ އެރުވުން ކުރިއަށްދިޔައިރު، މި ހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އަތިރިމައްޗަށް ވަނީ އެއްވެފައެވެ. މީގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މިއަދު ހަވީރު އުތީމަށް ވަޑައިގެންފައެވެ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮންނާނީ، މާދަމާއެވެ. މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަނީ ވެފައެވެ.

ޤައުމީ ދުވަހާ ގުޅިގެން އުތީމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަައިވާ ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނެއެވެ.

ޣާޒީ ރަނދުންގެ ހަނދާންތައް ދިރުވާ އާލާކުރުމަށް އުތުރުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢުގެ ތެރެއިން އުތީމުގައި ޤާއިމުކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޓާއި، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ވާހަކަ ކިޔައިދޭ ވާހަކަ ވައު މާދަމާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.