ޚަބަރު

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަރެސް ޢާމިރަށް


  • މުޙައްމަދު ޢާމިރަށްވަނީ ޅެންވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައި

  • ޢާމިރު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މުޙައްމަދު ޢާމިރު އަޙްމަދު ފަރެސްއަށް ދެއްވައިފިއެވެ.

ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކުރުން އޮތީ ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިއިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު އާމިރުވަނީ ޚިދުމަތް ކުރައްވާފައެވެ.

މުޙައްމަދު ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުއެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރު އަޙްމަދުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ.

މުޙައްމަދު ޢާމިރު އަޙްމަދު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި، އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތާއި ތަމްރީނު ދެއްވުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި މުޙައްމަދު ޢާމިރު ޅެންވެރިކަން ކިޔަވައިދެއްވިއެވެ. އަދި، މި ކޯސްތަކުގައި ކިޔަވައިދެއްވުމަށާއި، ދަރިވަރުން ބޭނުންކުރުމަށް ޅެންވެރިކަމުގެ 11 މައުޟޫޢަކަށް މައުލޫމާތު ކަރުދާސް އެކުލަވައިލެއްވިއެވެ. މީގެއިތުރުން، ދިޔޯގެ ރައިވަރާ ގުޅޭގޮތުން ނައިބުތުއްތު ފާޅުކުރެއްވި ޚިޔާލުތައް ދިރާސާކުރައްވައި، އޭގައިވާ ޅެންވެރިކަމުގެ ގަވާއިދުގެ ބަޔާއި، ޅެން ރީތިކުރުމަށް ގެންގުޅޭ އުކުޅުތަކާ ގުޅޭ ބައިތައް ނަންގަވައި، މިކޯހުގައި ކިޔަވައިދެއްވިއެވެ. އަދަބިއްޔާތުގެ ދާއިރާގެ އިތުރުން، ތަޢުލީމީ ދާއިރާއާއި، ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވެފައިވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ނޫހުގެ އެޑިޓަރެއްވެސް މެއެވެ. ދިވެހިބަސް ކިޔަވައިދޭން މަންހަޖު އެކުލަވާލުމާއި، ތަރައްޤީކުރުމާއި، ކިޔަވައިދޭ ފޮތްތައް ލިޔުމާއި އެޑިޓް ކުރުމުގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި 17 އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވި ޢާމިރު ވަނީ، ދިވެހިބަސް ކިޔަވައިދޭ ދަރިވަރުންގެ ފޮތާއި، މުދައްރިސުންގެ ފޮތްވެސް ލިޔުއްވައި އެކުލަވާލައްވާފައެވެ.

މީގެތެރޭގައި، މިހާރު ކިޔަވައިދޭ ގުރޭޑު 5ގެ ފޮތްބަޔާއި، ގުރޭޑު 8 އާއި، 9 އާއި، 10ގެ ފޮތްބަޔާއި، ގުރޭޑު 9 އަދި 10ގެ އަދަބިއްޔާތުގެ ފޮތް އެކުލަވައިލެއްވުމުގައި މުޞައްނިފެއްގެ ގޮތުންނާއި، އެޑިޓަރެއްގެ ގޮތުންވެސް އާމިރު މަސައްކަތްޕުޅު ކުރެއްވިއެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އެކި ދުވަސްވަރު ޢާމިރު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެހީތެރިކަން ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އެވިޑް ކޮލެޖާއި، މަންދު ކޮލެޖުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވައި، އެ ކޯސްތަކަށް އިތުރު ކުރިއެރުމާއި ދިރުން ގެނެސްދެއްވުމުގައިވެސް ޢާމިރުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރެވުނު ޅެންވެރިންގެ ދުވަހު ބޭއްވި ޢިޝްޤީ ޅެންހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 3ވަނައާއި، އެ ދުވަހު ބޭއްވި، ވަގުތުން ޅެން ހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 2ވަނައާއި، އެ އަހަރު ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން އަމިއްލަ ފަރާތްތަކުގެ ބައިން ލިބިވަޑައިގެންނެވި 1ވަނައާއެކު ފެށުނު ކާމިޔާބު ޅެންވެރިކަންވީ، ޅެންވެރިކަމުގެ ދާއިރާގައި ފަނޑުވުމެއްނެތި ޢާމިރުގެ ވިދުން ފެނުނު ސަބަބަކަށެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށާއި، ދިވެހިބަހުގެ އެކެޑަމީއަށް އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހުގެ ބަސްކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1989 ން 2022ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި، ދިވެހިބަހުގެ ގަވާއިދު ކޮމިޓީ، 2014ވަނަ އަހަރު އެކުލަވައިލެއްވީއްސުރެ މިއަދާ ހަމަޔަށް އެ ކޮމިޓީގެވެސް މެންބަރެކެވެ.

މުޙައްމަދު ޢާމިރު އަޙްމަދަކީ، ޅެންހެދުމުގެ ޤައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، އެ ކުދިންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ އެދުރެކެވެ. އެ މުބާރާތުގެ ފަނޑިޔާރެކެވެ. އަދި ދިވެހިބަހުގެ އެކެޑަމީން ހިންގަވާ އެކި ތަމްރީނުތަކުގައި، ދިވެހިބަހާއި ޅެންވެރިކަން ދަސްކޮށްދޭ ކްލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ. މުޙައްމަދު ޢާމިރު އަޙްމަދަށް ވަނީ ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. މި ހުރިހާ ކާމިޔާބީއަކާއެކުގައިވެސް ޢާމިރު އެންމެ އުފާކުރައްވާ ކާމިޔާބީއަކީ، ޢާމިރުގެ ދަރިވަރުން ޢާމިރާމެދު ފާޅުކުރާ ޝުޢޫރުތަކާއި ވަޒަންކުރާ ގޮތެވެ.

ޢާމިރު ހެއްދެވި ޅެންތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ޅެމަކީ، އެމްއެންޑީއެފަށް ހައްދަވައިދެއްވި "އިސްނަގާށޭ ދަރިންނޭ ޒުވާން" މި ޅެމެވެ. އަނެއް ޅެމަކީ، ޣައްޒާގެ ކުޑަކުދިންގެ ހާލަތު ބަޔާންކުރައްވައި ހެއްދެވި "ކަރުނަޔާ ލޭގެ ޠޫފާން" މި ޅެމެވެ. މުޙައްމަދު ޢާމިރު އަޙްމަދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. ހަމައެހެންމެ، ޅެންވެރިކަމުގެ ޚިދުމަތުގައެވެ.