މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާއީ ބާރުގެ ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް ހއ. އުތީމުގައި ބާއްވައިފިއެވެ.
މި ހަރަކާތަކީ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއަދު ހަވީރު އުތީމުގެ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި އެމްއެންޑީއެފްގެ ބޭންޑުން ވަނީ ޤައުމީ ރޫޙު އާލާކޮށްދޭ ފަދަ ތަފާތު ލަވަތަކާއި ރާގުތައް ކުޅެފައެވެ. މި ހަރަކާތް ބަލާލުމަށްޓަކައި އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ޤައުމީ ދުވަހަށް އެ ރަށަށް ޒިޔާރަތްކުރި މީހުން ބަނދަރު ސަރަހައްދަށް އެއްވިއެވެ.
މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ބޭންޑުގެ މެންބަރުންނާއެކު ބޭންޑު ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ފުރުޞަތު ކުޑަކުދިންނަށް ހުޅުވާލިއިރު، އެ ސަރަހައްދަށް ދިޔަ ކުދިންނަށް އެމްއެންޑީއެފުން ހަދިޔާވެސް ބަހާފައިވެއެވެ.
މިފަދަ ހަރަކާތްތަކަކީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ޤައުމީ ލޯބި އިތުރުކުރުމަށް ބާއްވާ މުހިންމު ހަރަކާތްތަކެކެވެ. އުތީމުގައި ބޭއްވި މި ބޭންޑު ހަރަކާތް ނިމިގެންދިޔައީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެއްބާރުލުމަކާއި ތަރުހީބަކާއެކުގައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ރޭ ހަވާއަރުވާފައިވާއިރު، މިއަދު ހެނދުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ ބާއްވާފައެވެ. އަދި ސްޓޭޖް ހަރަކާތްތައް މިރޭ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.