ޚަބަރު

ދޯނި އަޑިއަށްދިޔަ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ވަޒީރާއި ސީޕީ ބައްދަލުކުރައްވައިފި


  • ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނަމޫނާ މަސައްކަތްތަކެއްކަމަށް ވިދާޅުވި

  • ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ވިދާޅުވި

ސަޕްލައި ދޯނެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވި ފަރާތްތަކާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އިޙުސާން އަދި ސީޕީ އަޙުމަދު ވަނީ މި އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނާއި، ގއ. ވިލިނގިލީ ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ގއ. ވިލިނގިއްޔަށް ކުރެއްވި މި ޒިޔާރަތުގައި، އެ ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ދިޔަވެ އަޑިއަށް ދިޔަ ދޯނިން މީހުންނާއި މުދާ ސަލާމަތްކުރުމަށްޓަކައި، ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އެމީހުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ހިތްވަރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙުސާން ވިދާޅުވީ، މީހުންނާއި މުދާ ސަލާމަތްކުރުމަށް މަސައްކަތްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢު އާއި ސިފައިންގެ ބޭކަލަކާއި ދޯނީގެ ކެޕްޓަން ގެއްލުމުގެ ހިތާމައިގައި ސަރުކާރުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. އަދި މި ހާދިސާގައި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، މި ދަތުރުގެ އެންމެ މުހިއްމު ބޭނުމަކީ މި ހިތާމަވެރި ދަނޑިވަޅުގައި ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރުމާއި، މި ހާދިސާގައި އަމަލީގޮތުން ހަރަކާތްތެރިވި ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކުރައްވައި، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ހުރިހާ ކޮމާންޑަރުންނަށާއި އިސް އޮފިސަރުންނަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެއިތުރުން، ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމާއި، ޚާރިޖީ ވުޒާރާ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކޮމިޝަނަރ ވަނީ ފުލުހުންނާ ހިއްސާކުރައްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވި ނަމަވެސް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންއާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ. އަދި މިމީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.