ޑާކް ރެއިން އެންޓަރޓައިންމަންޓުން މި މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރި ފިލްމު "ޖަންނަތު" ވެފައިވަނީ ދިވެހި ސިނަމާއަށް އައި އައު އީދަކަށެވެ. މުޖުތަމަޢުގައި ތިބޭ މުހިންމު ބަޔަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
"ޖަންނަތު" ފިލްމަކީ އޯޓިޒަމް ހުންނަ ބައްޕައަކާއި އޭނާގެ ދަރިފުޅަކާ ދެމެދު އޮންނަ ލޯތްބާއި ގުޅުން ވަރަށް އަސަރުގަދަ ގޮތަކަށް ދައްކުވައިދޭ ފިލްމެކެވެ. މުޖުތަމަޢުގެ ބައެއް ފަރާތްތަކުން ދެކޭގޮތުގައި އޯޓިޒަމް ހުންނަ މީހަކީ ނުވަތަ ކުއްޖަކީ މުޖުތަމަޢުގައި ބާކީކޮށްލަންޖެހޭ އެއްވެސް ބައިވެރިވުމެއް އޮވެގެން ނުވާނެ ބައެކެވެ. ނަމަވެސް މި ފިލްމުން ވަނީ އެއީ މުޅިން ގޯސް ވިސްނުމެއްކަން ސާބިތުކޮށްދީފައެވެ. އޯޓިޒަމް މީހެއް ނަމަވެސް އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގައި އުޅެ، ޒަވާޖީ ހަޔާތެއް ފަށައި އާއިލާ ބަލަހައްޓައި އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވިދާނެކަން މި ފިލްމުން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. މީގެއިތުރުން އެކަށީގެންވާ ލޯތްބާއި އެހީތެރިކަން ލިބިއްޖެނަމަ އެއީވެސް މުޖުތަމަޢު ބަލައިގަންނަ މޮޅު މީހަކަށް ވެދާނެކަން ފިލްމުން ވަނީ ދައްކައިދީފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން މި ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގަރ) ބުނީ މި ފިލްމު އުފެއްދުމުގެ އެންމެ ބޮޑު މަޤްސަދަކީ އޯޓިޒަމް ހުންނަ ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް އެކަމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން މި ފިލްމު ސިނަމާއަށް ގެނައުމުގެ ކުރިން އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ޚާއްސަ ޓީޗަރުންނާއި ދާއިރާގެ ތަޖުރިބާކާރުންނަށް ދައްކައި އެ ފަރާތްތަކުގެ ލަފައާއި އިރުޝާދު ހޯދާފައިވާނެ ކަމަށް މޮގަރ ބުންޏެވެ. އަދި އެ ފަރާތްތަކުންވެސް މި ފިލްމަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ މުހިންމު މެސެޖެއް ފޯރުކޮށްދޭ އުފެއްދުމެއްގެ ގޮތުގައި ބަލައިގެންފައިވާކަން އޭނާ ފާހަގަކުރިއެވެ.
މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އޮލިމްޕަހުގައި ދެއްކި "ޖަންނަތު"ގެ ކޮންމެ ޝޯއެއްވެސް ވަނީ އެއްކޮށް ހައުސްފުލް ވެފައެވެ. މާލޭގެ އިތުރުން އައިލެންޑް ސިނަމާ މެދުވެރިކޮށް އަތޮޅުތެރޭގައިވެސް މިހާރު 40 އަށްވުރެ ގިނަ ޝޯ ދައްކާފައިވާއިރު ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ އިތުރު ރަށްރަށުގައި ގިނަ ޝޯތަކެއް އެޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
މޮގަރ ފާހަގަކުރި ގޮތުގައި ފިލްމު ބެލި މީހުންގެ ތެރެއިން 99 އިންސައްތަ މީހުންގެ ފީޑްބެކް ރަނގަޅެވެ. ކޮންމެ ބެލުންތެރިއަކުވެސް ފިލްމުގެ ފުރިހަމަކަން ފާހަގަކުރަމުންދާއިރު ޚާއްސަކޮށް އޯޓިޒަމް ހުންނަ ކުދިން ތިބި އާއިލާތަކުން މި ފިލްމާމެދު ވަރަށް ޝުކުރުވެރިކަމާއެކު ރަނގަޅު ޝުއޫރުތައް ފާޅުކުރަމުންދާކަމަށް އޭނާ ބުންޏެވެ.
މި ފިލްމަށް އާންމުންގެ މިހާ ބޮޑު ތަރުހީބެއް ލިބެމުންދާ މައިގަނޑު އެއް ސަބަބަކީ ފިލްމުގައި ހިމެނޭ ތަރިންގެ ފުރިހަމަ އެކްޓިންގެވެ. ވަކިން ޚާއްސަކޮށް އޯޓިސްޓިކް މީހެއްގެ ބައި ކުޅުނު ޝަރަފް އަދި ޖަންނަތުގެ ރޯލު އަދާކުރި ކުޑަކުއްޖާގެ މޮޅު އެކްޓިންއަށް އާންމުން އަންނަނީ ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ. މީގެއިތުރުން ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިން ކަމަށްވާ ކޮޕީ އިއްސެ އަދި ދަރާ ރަޝީދުގެ މުހިންމު ރޯލުތަކެއް މިފިލްމުން ފެނިގެންދާއިރު ޝުހާ، އަފްރާހު އަންޖިލް އަދި އާއިދާ ފަދަ ހުނަރުވެރި ތަރިންގެ އެކްޓިންވެސް މި ފިލްމުން ވަނީ ފެނިގެން ގޮސްފައެވެ.
"ޖަންނަތު" ލިޔެފައިވަނީ ޢާއިޝަތު ފުއާދު ތައުފީޤް އަދި އަހްމަދު ތޮލާލްއެވެ. ފިލްމުގެ ޑައިރެކްޝަން އަލީ ޝިފާއު ހަދާފައިވާއިރު، ހިތްގައިމު ސިނެމަޓޯގްރަފީ ތައްޔާރުކުރީ އަހްމަދު ޒިފާފްއެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޕްރޮޑިއުސަރ މުހައްމަދު އަލީ، މޮގަރއެވެ.
ހިތްދަތިކަމާއި އުންމީދާއި އަދި އާއިލީ ލޯބީގެ ވަރުގަދަ މެސެޖެއް ގެނެސްދޭ މި ފިލްމު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޮންމެ މީހަކުވެސް ބަލާލަން ރަނގަޅު ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރި އިޖުތިމާޢީ މުހިންމު ފިލްމެކެވެ.