އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "އައިޓީއެފް ޖޭ 30" ޓެނިސް މުބާރާތް މާލޭ ޓެނިސް ކޯޓުގައި ފަށައިފިއެވެ.
18 އަހަރާއި 14 އަހަރާ ދެމެދުން ކުޅުންތެރިން ވާދަކުރާ މިމުބާރާތަކީ ބައިނަލްއަޤްވާމީ މުބާރާތަކަށްވާއިރު، މީގެ ދެ މުބާރާތެއް މިދިޔަ އަހަރުވެސް ރާއްޖޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިގްނާޒް މަންސޫރުވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފަވެއެވެ.
މުބާރާތުގެ ކުޅުން އާދިއްތަ ދުވަހު ފަށާފައިވާއިރު، މުބާރާތް ފަށާފައިވަނީ ކޮލިފައިން މެޗުތަކުންނެވެ. އެގޮތުން ކޮލިފައިން މެޗުތަކުގައި އަންހެން އަދި ފިރިހެން ޑިވިޝަނުން 16 ކުޅުންތެރިން ވާދަކޮށްފަވާއިރު، އޭގެ ތެރެއިން 8 ކުޅުންތެރިން މެއިން ޑްރޯއަށް ކޮލިފައިވާނެއެވެ.
މިއަހަރުގެ "ޖޭ 30" މުބާރާތަށް ހުޅުވާލުމުން 34 ޤައުމަކުން 300 އަށްވުރެ ގިނަ ކުޅުންތެރިން ރެޖިސްޓަރވިކަމަށް އިގްނާޒް މައުލޫމާތުދެއްވިއެވެ. އަދި މުބާރާތުގެ ކުޅުން ވަރަށް ފޯރީގައި ކުރިއަށްދާކަމަށާއި މިމުބާރާތުގައި އޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިން ވާދަކުރަމުންދާކަމަށް އިގްނާޒް ވިދާޅުވިއެވެ.
އައިޓީއެފް "ޖޭ 30" ކުރިއަށްދާނީ ދެ ހަފްތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 30 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.