އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު އިސްލާޙުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ.
މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުން މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައިއޮވެގެން ނުވާނެއެވެ.
މަޖިލީހުގެ ޤަވާޢިދު އިސްލާޙު ކުރަން ހުށަހަޅާފައިވާއިރު މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާން އަބޫބަކުރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙު އަނބުރާ ގެންދިއުމަށް މަޖިލީހަށް ވަނީ، ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ އިސްލާޙު އަވަސް ކުރުމަށްވެސް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ވަނީ ނިންމާފައެވެ.
ނަމަވެސް ޤަވާޢިދު އޮތްގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގެ އިތުރަށް އެ ބިލާ ގުޅޭގޮތުން އިތުރު އެއްވެސް ޕެޓިޝަނެއް ހުށަނޭޅޭނެއެވެ.
ޤަވާޢިދު އިސްލާޙު ކުރުމަށް ފެންނަކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން، ޤަވާޢިދު އިސްލާހު ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ޤަވާއިދު ފާސްވުމާއެކު ރިޔާސަތުން ވަނީ، މިއަދުން ފެށިގެން އެއް މައްސަލައެއްގައި އެކަކަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭނެކަން އިއުލާންކުރައްވާފައެވެ.