ރަޝިއާއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު، ވީއައިއޭއަށް އިތުރު އެއަރލައިންތައް ގެނައުމަށް މަގުފަހިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެވެ.
ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ރަޝިއާއަށް މިހާރު ކުރަމުންދާ ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްއިން ދަނީ ބައިވެރިވަމުންނެވެ.
ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށް އިސްކަންދީގެން، މި މަހުގެ 17 އިން 21 އަށް ރަޝިއާގެ މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގް ހިމެނޭހެން ސިޓީއަކަށް ސަރުކާރުގެ ވަފުދެއް ދަނީ ޒިޔާރަތްކުރަމުންނެވެ.
މި ދަތުރުގައި ބައިވެރިވާ ވަފުދުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ވުޒާރާގެ ބޭފުޅުންގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން، ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެއެވެ.
ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރަޝިއާއިން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުމެވެ. މި ދަތުރުގެ ތެރޭގައި، މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ މަންދޫބުން ބައްދަލުކުރާނެއެވެ.
މި މަޝްވަރާތައް އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބާއްވައި، މިހާރު ދޭ ޚިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރު ދަތުރުތައް މެދުކެނޑުމެއްނެތި ކުރެވޭނެ ގޮތްތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އަދި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވި، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އިތުރު އެއަރލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ރަޝިއާއަށް ކުރާ މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެ ތަރުހީބާ އެއްވަރަށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއްކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އެކުންފުނީގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް އިތުރުކުރުމާއި، މި މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.