ޚަބަރު

އީލާފްގެ ކާމިޔާބީ ޚާއްސަކުރީ ޤައުމަށާއި ސަޕޯޓަރުންނަށް


ސްރީ ލަންކާގައި ކުރިއަށްދިޔަ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކޮށް، މުއާއި ތައިއިން ދެވަނަ ފަހަރަށް ޤައުމަށް ރަން މެޑަލް ޤައުމަށް ހޯދައިދިން އެތުލީޓު އަހްމަދު އީލާފް ނަދީމްގެ ކާމިޔާބީ ޚާއްސަކުރާނީ ޤައުމަށާއި އޭނާއަށް ސަޕޯޓްކޮށްދިން އެންމެހާ ފަރާތްތަކަށް އީލާފް ބުނެފިއެވެ.

ލަންކާގައި ކުރިއަށްދާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ލަންކާގެ ވަރުގަދަ އިސުރު ފަސޭހަކަމާއެކު ބަލިކޮށް މި ކުޅިވަރުން ދެވަނަ ފަހަރަށް ޤައުމަށް ރަން މެޑަލް ގެނެސްދިން އެތުލީޓް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައިވަނީ އޭނާގެ މި ކާމިޔާބީއަކީ ހަމައެކަނީ އަމިއްލަ ނަފްސަށް ހޯދައިދިން ކާމިޔާބީއެއް ނޫންކަމަށެވެ.

މި ކާމިޔާބީއަކީ އެތައް ބައެއްގެ ލޯތްބާއި ހެޔޮ ދުޢާއިން ހޯދުނު ކާމިޔާބީއަކަށްވާއިރު، އޭނާގެ މި ކާމިޔާބީ ޚާއްސަ ކުރާނީ ކޯޗާއި އާއިލާ އަދި ރަހްމަތްތެރިން ހިމެނޭހެން އޭނާއަށް ސަޕޯޓްކޮށްދިން އެންމެހާ ފަރާތްތަކަށްކަމަށް އީލާފް ބުންޏެވެ. މީގެ އިތުރުން މި ކާމިޔާބީއަކީ ފަޚުރުވެރި ދިވެހި ދިދައާއި އެކު ސްޓޭޖަށް އަރާ ހޯދި ކާމިޔާބީއަކަށްވާއިރު، ވަރުގަދަ ޤައުމުތަކާއި ދެކޮޅަށް ނުކުމެ، ރާއްޖެ ތަމްސީލުކޮށް ހޯދުނު ކާމިޔާބީއަކީ ބޮޑު ރަޙްމަތެއްގެ ގޮތުގައި ޒުވާން އެތުލީޓް ސިފަކުރިއެވެ.

"މި ވިން އަކީ އަޅުގަނޑު އަމިއްލަ މީހާއަށް ކުރި ވިން އެއް ނޫން. އަޅުގަނޑު ޓީމާއި، އަޅުގަނޑުގެ ކޯޗާއި، އާއިލާ އަދި ރަހްމަތްތެރިން ހިމެނޭހެން ސަޕޯޓްކުރި އެންމެނަށް ހޯދައިދިން ވިން އެއް. މުޅި ޤައުމަށްވެސް. އެއީ އެންމެ ބޮޑު ވިން އަކީ، އެތުލީޓެއްގެ ގޮތުގައި ރާއްޖޭގެ ދިދަ ހިފައިގެން ސްޓޭޖަށް އެރުން އެތައް ބައިވަރު ޤައުމުތަކާއެކު" އީލާފް ބުންޏެވެ.

ޕްރޯ މުއާއި ތައި އިން ތަމްރީނުވެ، ކުރިއެރުންތަކެއް ހޯދަމުން އަންނަ އެތުލީޓް ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވަނީ މިއަހަރުގެ ކުރީކޮޅު ލަންކާގައި ކުރިއަށްދިޔަ މުބާރާތަކުންނެވެ. އެ މުބާރާތުގެ ކާމިޔާބީއިން ހޯދި ހިތްވަރާއެކު، ފަހަތަށް ނުޖެހި އީލާފް ދައްކަމުންދާ ޖޯޝާއެކު ދެވަނަ ފަހަރަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކޮށް އޭނާ މިވަނީ ރަން މެޑަލް ހޯދައިދީފައެވެ.

މީގެ ކުރިން މެލޭޝިޔާއިންވެސް ތަމްރީނުތައް ހަދާފައިވާ ޒުވާން އެތުލީޓް ފާހަގަކުރިގޮތުގައި ކުޅިވަރުގެ އަޚްލާޤަކީ ކާމިޔާބީއަށް ވާސިލްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ކަމެވެ. އެގޮތުން ގަޑިއަށް ފަރުވާތެރިވެ، ކޮންމެ ދުވަހަކީވެސް ހިތްވަރާއެކު ޓްރޭނިންތަކަށް ހާޒިރުވާ ދުހަކަށް ހެދުމަކީ މުހިންމުކަމެއްކަމަށް އީލާފް ބުންޏެވެ. ބައެއް ދުވަސްދުވަހަކީ މޯޓިވޭޝަން ތަންކޮޅެއް ދަށްކޮށް ހުރެދާނެ ދުވަސްތައްކަމަށާއި އެހެންނަމަވެސް ހިތްވަރާއެކު ތަމްރީނުތަކަށް ހާޒިރުވުން މުހިންމުކަމަށް އީލާފް ފާހަގަކުރިއެވެ.

"އެންމެ ބޮޑު ޗެލެންޖަކީ ސެލްފް ޑިސިޕްލިން. އެއީ ކޮންމެ ދުވަހަކު ޓްރޭނިންއަށް ގަވައިދުން ހާޒިރުވުން. ބައެއް ދުވަސްދުވަހު ހޭލާފަ އަންނަ ހިތް ނުވޭ. މޯޓިވޭޝަން ނެތަސް ޖިމްއަށް އައުން އެންމެ ބޮޑު ޗެލެންޖަކީ. އޭތި އޯވަކަމް ވެއްޖެއްޔާ ކުރިއަށްދެވިދާނެ" އީލާފް ބުންޏެވެ.

ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ކުރިއަށްދިޔަ މުބާރާތުގައި އީލާފް ވާދަކުރީ ލަންކާގެ ވަރުގަދަ ފައިޓަރެއްކަމަށްވާ އިސުރުއާއެވެ. އެހެންނަމަވެސް އެ މެޗު އީލާފް ސިފަކުރީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. މުބާރާތުގެ ކުރިން އީލާފް މަހެއްހާ ދުވަހު ލަންކާގައި ފަރިތަކުރުންތަކެއް ކުރިޔަށްގެންދިޔަކަމަށާއި، އަދި ކޯޗާއި ޓީމުގެ އެހީތެރިކަމާއެކު މުބާރާތާއި ކުރިމަތިލީ ރަން މެޑަލް ހޯދުމުގެ އަމާޒުގައިކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ އެތުލީޓުންކަމަށްވާ އީލާފާއި، ޑެނިއަލް ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރީ މުއާއި ތައި ކޯޗް މުހައްމަދު ޝަނާޒެވެ. ޓްރޭނިންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޯޗް ބުނީ މުބާރާތުގެ ކަންކަން ދިޔައީ އުންމީދުކުރި ގޮތަށްކަމަށެވެ. އީލާފްގެ ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހިފައިވާކަމަށާއި، ފައިޓަށް އެތުލީޓުން ނެރުނީ ދުރާލާ ވަކި ގޮތަކަށް ބައްޓަންކޮށްގެންކަމަށް ކޯޗު މައުލޫމާތުދިނެވެ. މުއާއި ތައިއިން ހޯދަމުންދާ ކާމިޔާބީތަކާއެކު، އީލާފް ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދުމަކީ ކޯޗަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ކޯޗު ބުނެފަވެއެވެ.

ކުރިއަށް މިއޮތް އޮކްޓޯބަރުމަހު އީލާފް އިތުރު މުބާރާތެއްގައި ވާދަކުރަމުން ތައްޔާރުވަމުން އަންނައިރު، އުންމީދަކީ މިމުބާރާތުން އީލާފްގެ ތިން ވަނަ ރަން މެޑަލް ކަށަވަރުކުރުންކަމަށް ކޯޗު ބުންޏެވެ. އަދި މި ފުރުސަތުގައި ރާއްޖޭގެ މުއާއި ތައި ޓީމަށް އެހީތެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށާއި ޓީމުގެ ކާމިޔާބީގައި އެފަރާތްތަކުގެ ހިއްސާ އޮންނާނެކަމަށް ކޯޗު ބުންޏެވެ.

އީލާފްގެ އިތުރުން ލަންކާ މުބާރާތުގައި ވާދަކުރި ޑެނިއަލް ފާހަގަކުރިގޮތުގައި އެ މުބާރާތުން އޭނާއަށް ލިބުނު ތަޖުރިބާއަކީ ކުރިއަށް ހުރި މުބާރާތްތަކަށް ލިބިގެން ދިޔަ މުހިންމު ފިލާވަޅެކެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކުން ލިބޭ ތަޖުރިބާތަކަކީ ކާމިޔާބަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާއިރު، ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ލޯބި ޑެނިއަލް ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

"ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ ސަޕޯޓްކުރި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ޚާއްސަކޮށް ކޯޗް، ޓީމް އަދި ލަންކާގެ ވެންކުއިޝް ޓީމް، ކޯޗް ވިމުކްތީ، އިތުރަށް ފެމިލީއާއި އެންމެން. މިމުބާރާތުން ވަރަށް ބޮޑު އެއްޗެއް ދަސްވި. މިހާރު އެނގޭ މަސައްކަތްކުރަންވީ ދިމާތައް. ވީކްނެސްއާ ކަންކަން" ޑެނިއަލް ބުންޏެވެ.

އީލާފާއި ޑެނިއަލް ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ލަންކާއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މުބާރާތް ފެށުމުގެ ކުރިން ލަންކާގައިވަނީ ޓްރޭނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެ ކޭމްޕުގައި ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށްފައި ވަނީ ސްރީލަންކާގެ ވެންކުއިޝް މުއާއި ތައި އެންޑް ފިޓްނެސްގެ އިންސްޓްރަކްޓަރެއްކަމަށްވާ ވިމުކިތި އަބެނަޔަކާއެވެ.