ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.ޝަހީމް ސަޢުދީއަށް


  • މިއީ ސަޢުދީގެ އިސްލާމިކް މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ

  • ސަޢުދީން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއްވަމުން

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ދެ ޤައުމެވެ. ދީނީ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރުން، ޙައްޖުގެ އިންތިޒާމްތަކުގައި ސަޢުދީ ސަރުކާރުން ރާއްޖެއަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދީ، އެހީތެރިކަން އަންނަނީ ދެމުންނެވެ.

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރީ 17 މާރޗް 1981ގައެވެ. ސަޢުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރުވެސް އެހީތެރިވަމުން އަންނަ ޤައުމެކެވެ. އެކި ދާޢިރާތަކުން ރާޢްޖެއަށް ކުރިއެރުން ހޯދާދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިވަމުންނެވެ.