އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,379,151 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1,435,661 ފަތުރުވެރިންނާ އަޅާ ބަލާއިރު %3.9 ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 992,462 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 300,469 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 31,723 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 25,207 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
• ޗައިނާ - 250,437 ފަތުރުވެރިން
• ރަޝިއާ - 198,748 ފަތުރުވެރިން
• އިނގިރޭސިވިލާތް - 105,785 ފަތުރުވެރިން
ގެސްޓުހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި 116 ރަށެއްގައި ގެސްޓުހައުސްތައް ދަނީ ހިންގަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ގެސްޓުހައުސްތަކުން ވަނީ 17,188 އެނދު ނެރެފައެވެ.