ހޫލިއަން އަލްވަރޭޒްގެ ހިޔާލު ދޫކޮށްލައި ބާސެލޯނާއިން އެހެން ފޯވަޑަކު ގަތުމަށް މަސައްކަތް ފަށައިފި އެވެ.
ކުޅިވަރު ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް އީއެސްޕީއެން ބުނާ ގޮތުގައި ގޮތުގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ގެނައުމުގެ ވިސްނުން ބާސެލޯނާއިން މިވަގުތަށް ދޫކޮށްލީ އެތްލެޓިކޯއިން އޭނާ ބާސެލޯނާ އަށް ވިއްކަން ބޭނުން ނުވާތީ އެވެ. ބާސެލޯނާއިން އޭނާ ގަތުމަށް 100 މިލިއަން ޕައުންޑް ހުށަހެޅި ނަމަވެސް އެތްލެޓިކޯއިން ތިބީ އޭނާ ވިއްކަން ބޭނުންވަނީ ބާސެލޯނާ ނޫން ކުލަބަކަށެވެ. މިހެންވެ ބާސެލޯނާ އަށް ބަދަލުވުމަށް ބޭނުންވާ ކަމަށް ބުނެ ޓީމުގެ ކޯޗާއި ކުލަބުގެ ރައީސާ ބައްދަލު ކުރުމުން އަލްވަރޭޒަށް ކުރިއެރުމެއް ނުލިބުނެވެ.
އީއެސްޕީއެން ބުނާ ގޮތުގައި ބާސެލޯނާއިން ގަތުމަށް މަސައްކަތް ކުރުން އެންމެ ގާތް ދެ ކުޅުންތެރިންނަކީ އިންޓަމިލާނުގެ އާޖެންޓީނާ ފޯވަޑް ލައުތާރޯ މާޓިނޭޒް ނުވަތަ ވިޔަރެއާލްގެ އަޔޯޒޭ ޕްރޭޒް އެވެ.
އައު ސީޒަނަށް ބާސެލޯނާގައި މިވަގުތު ހުރި ހަމައެކަނި ފޯވަޑަކީ މިސުރުގެ ޒުވާން ފޯވަޑް ހަމްޒާ އަބްދުލްކަރީމެވެ. އެއީ ދެ ފޯވަޑުން ކަމަށްވާ ރޮބަޓް ލެވޮންޑޯސްކީ ކޮންޓްރެކްޓް ހަމަކޮށް، އެމެރިކާ ލީގަށް އަދި ފަހު ވަގުތު ފެރަން ޓޮރޭޒް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމުންނެވެ.
ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ހޯދި ކުޅުންތެރިންނަކީ ކަރީމަ އެޑެޔޭމީ އާއި އެންތަނީ ގޯޑަން އާއި ހަމްޒާގެ އިތުރުން ރޮޑްރީ އެވެ.
އެތްލެޓިކޯ މެޑްރިޑްގެ ރައީސް އެންރިކޭ ސެރޭޒޯ ވިދާޅުވީ ބާސެލޯނާ އަށް ބަދަލުވާންވެގެން އަލްވަރޭޒް މިހާތަނަށް އަމަލު ކުރި ގޮތާމެދު އޭނާ މައާފަށް އެދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އަހަރެންނަށް ނޭނގެ އޭނާ މައާފަށް އެދޭނެ ކަމެއް. އެކަމަކު އަހަރެންނަށް ޔަގީން އޭނާ އަށް ސަޕޯޓަރުންގެ ތާއީދު ދެ މެޗަކުން އަދިވެސް ހޯދިދާނެ،" ސެރޭޒޯ ވިދާޅުވި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް އަލްވަރޭޒް ހޯދަން ބާސެލޯނާ މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.