ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި އެމްޓީސީސީއާ ދެކޮޅަށް ނުކުންނަ މެޗު ފަސޭހަނުވާނެކަމަށާއި ކުރިން އެޓީމާއި ކުޅުނު މެޗުން މޮޅުވެފައިވުމަކީ އެޑްވާންޓޭޖެއްކަމަށް ގަބޫލުނުކުރާކަމަށް ދިވެހި ސިފައިންގެ ޓީމުގެ ކޯޗް ޖުނައިދް ޢަބްދުﷲ ބުނެފިއެވެ.
މުބާރާތުގެ ފައިނަލުން ސިފައިންގެ ކްލަބުން ޖާގަ ހޯދި ބުދަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި 3-1 ސެޓުން ލަޔަންސް ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލުގެ ޖާގަ ކަށަވަރުކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޖުނައިދް ބުނީ ފައިނަލުގައި އަނެއް ކޮޅުން ނުކުންނަ އެމްޓީސީސީއަކީ ވަރުގަދަ ޓީމެއް ކަމަށެވެ.
އެޓީމާ ދެކޮޅަށް މީގެ ކުރިން ކުޅުނު މެޗުން މޮޅުވެފައިވުމަކީ ފައިނަލް މެޗަށް ލިބޭ އެޑްވާންޓޭޖެއް ނޫންކަމަށް ފާހަގަކުރަމުން ކޯޗް ބުނީ ފައިނަލް މެޗަކީ މުޅިން ތަފާތު މެޗަކަށްވާނެކަމަށެވެ. އެގޮތުން ތަށި އުފުލާލުމަށް އޮންނަ ޕްރެޝަރުވެސް އެމެޗުގައި ބޮޑުވާނެކަމަށް ކޯޗް ބުނެފަވެއެވެ.
"ކުރިން ކުޅުނު މެޗުން މޮޅުވެފައިވުމަކީ އެޑްވާންޓޭޖެއް ނޫން. ވަރަށް އުނދަގޫވާނޭ ބުނާނީ. ފައިނަލް މެޗަކީ މުޅިން އައު މެޗެއް. ފައިނަލް މެޗުގައި ވާނެގޮތަކީ ޕްރެޝަތުތަކާއި ހުރިހާ އެއްޗެއް ހޭންޑްލް ކުރަންޖެހޭނެ. އެހެންވީމަ އީޒީއެއް ނުވާނެ އެ މެޗެއް. އެގޮތަށް ދެކިގެން އަޅުގަނޑުމެން ނުކުންނާނީ" ޖުނައިދް ބުންޏެވެ.
ޖުނައިދް ބުނީ މިއަހަރުގެ މުބާރާތަށް ސިފައިންގެ ކްލަބުން ނުކުތީ ޕްރެކްޓިސްތަކެއް ނެތިކަމަށެވެ. ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިންވެސް ހަމަވީ މުބާރާތަށް ކުޑަތަންވެފައިވަނިކޮށްކަމަށާ އެހެންކަމުން ޓީމެއްގެ ގޮތުގައި ފަރިތަކުރުންތައް ބޭއްވުނީ މުބާރާތުގެ ތެރެއިން ރިކަވަރީއަށް ލިބޭ ދުވަސްތަކުގައި އެކަނިކަމަށެވެ.
"މިފަހަރު ކަންނޭނގެ އަޅުގަނޑުމެން ޕްރެކްޓިހަކާ ނުލާ މުބާރާތަށް ނުކުތީ މި. ގާތްގަނޑަކަށް މުބާރާތް ފެށެން ތިން ދުވަހަށް ވެފައިވަނިކޮށް ބޭރު ކުޅުންތެރިންވެސް ހަމަވީ. އެހެންވީމަ މެޗެއް ކުޅެފައި ރިކަވަރީއަށް ލިބޭ ދުވަހެއްގައި ޕްރެކްޓިސްއެއް މި ކޮށްލެވެނީ" ސިފައިންގެ ކްލަބުގެ ކޯޗް ބުންޏެވެ.
ފައިނަލް މެޗާ ޓީމުން ކުރިމަތިލާއިރު އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް ދިމާވެފައިވާކަމަށް ކޯޗް ބުންޏެވެ. އެގޮތުން ބިދޭސީ ކުޅުންތެރިޔާ މިވަގުތުވެސް އަންނަނީ ފިޒިއޯ ހަދަމުންކަމަށާ އިތުރު ކުޅުންތެރިޔަކަށް ކުޑަހުޅުގެ އަނިޔާގެ މައްސަލައެއް ދިމާވެ ޓޭޕްކޮށްގެން ކުޅެމުން އަންނަކަން ކޯޗް ފާހަގަކުރިއެވެ. އެހެންނަމަވެސް ސިފައިންގެ ކްލަބުން ފައިނަލާ ކުރިމަތިލާނީ ތަށި ހޯދުމުގެ އަމާޒުގައިކަމަށާއި އެކަމަށް ގަދައަޅާ ހިތްވަރުކުރާނެކަމަށް ކޯޗް ބުންޏެވެ.
"އަބަދުވެސް ނުކުންނަނީ ތަށްޓައް، އެއީ އަމާޒަކީ. ތަށި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން" ޖުނައިދް ބުންޏެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ސިފައިންގެ ކްލަބާއި އެމްޓީސީސީ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗު ތާވަލުކޮށްފައިވަނީ މިރޭ 08:30 އަށެވެ.