ޚަބަރު

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ


  • މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %14.4 އިތުރު އަދަދެއް

  • މިދިޔަ އަހަރު ލިބުނީ 2.1 ބިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %14.4 އިތުރު އަދަދެކެވެ.

ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ދަނީ ނަގަމުންނެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %14.4 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 7 މަސްދުވަހު ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިއީ %14.5 އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިއީ %14.4 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.