ކުޅިވަރު

ޔުނައިޓެޑް ވަރުގަދައެއްނޫން، އިތުރު ކުޅުންތެރިން ބޭނުން: ކަރިކް


މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޕްރެމިއާ ލީގުގެ އައު ސީޒަނާ ކުރިމަތިލާއިރު ޓީމު އެހާ ވަރުގަދަ ނޫން ކަމަށް ކޯޗު މައިކަލް ކަރިކް ބުނެފި އެވެ.

ހުސްވި ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވެ، ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިން ކޯޗު ބުނީ މި ސީޒަނަށް ޔުނައިޓެޑް ތައްޔާރުވާއިރު އަދިވެސް ޓީމުގެ ތިން މަގާމަކަށް ކުޅުންތެރިން ބޭނުންވާ ކަމަށެވެ. އެއީ މެދުތެރެ އާއި ފަހަތަށެވެ.

"އަހަރުމެން އަދިވެސް އެންމެ ފުރިހަމަ ޓީމެއްގެ ގޮތުގައި ނުކިޔާނެ. އަހަރުމެންގެ އެކިއެކި މަގާމުތަކަށް ބަލާއިރު ޓީމުގެ މުހިންމު ތިން ދިމާލަކަށް އަދިވެސް ކުޅުންތެރިން ބޭނުންވޭ. އަހަރުމެން މިދަނީ އެކަމަށް މަސައްކަތް ވެސް ކުރަމުން،" ކަރިކް ބުންޏެވެ.

ކުރިއަށް އޮތް ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑް ގެނެސްފައިވަނީ ދެ ކުޅުންތެރިއެކެވެ. އެއި އެސްޓަން ވިލާއިން 35 މިލިއަން ޕައުންޑަށް ގެނައި ޔޫރީ ޓީލެމަންސް އާއި ޗެލްސީން 500 މިލިއަނަށް ގަތް އަންދެރޭ ސަންޓޯސް އެވެ. މީގެ އިތުރުން ބްރއިޓަންގެ ކާލޮސް ބަލެބާ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ދެ ސީޒަނަށް ފަހު ފޯވަޑް މާކަސް ރަޝްފޯޑް ވެސް ވަނީ ޓީމާއެކު ފަރިތަ ކުރަމުންނެވެ. އޭނާ ހުސްވި ސީޒަން ހޭދަ ކުރީ ސްޕޭނުގެ ބާސެލޯނާގަ އެވެ.

"ރަޝްފޯޑަކީ އަހަރެންނަށް ކަމުދާ ކުޅުންތެރިއެއް. އޭނާގެ ސަބަބުން ޓީމުގެ ކުރިއަށް ބާރު ލިބޭނެ. އޭނާގެ ސަބަބުން އަހަރުމެންގެ އޮޕްޝަންތައް އިތުރުވާނެ. އެހެންވީމާ އަހަރެންނަށް އޭނާގެ ބޭނުން ހިފޭނެ،" ކަރިކް ބުންޏެވެ.

ރަޝްފޯޑް މީގެ ދެ ސީޒަން ކުރިން ޔުނައިޓެޑ ދޫކޮށްލަން ޖެހުނީ އޭރު ތިބި ކޯޗުންނާ މައްސަލަ ޖެހިގެންނެވެ. ނަމަވެސް އެސްޓަން ވިލާ އަށް ފަހު ބާސެލޯނާއިން އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުން ނުވުމުން އަލުން ޔުނައިޓެޑަށް ދާން ޖެހުނީ އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އަދިވެސް އޮތުމުގެ ސަބަބުންނެވެ.