ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ' ހަރަކާތުގެ އެކްޓިވިސްޓުންނަށް ޔަހޫދީ ފައުޖުން ހަމަލާދިން މައްސަލައިގެ ޖިނާޢީ ތަޙުޤީޤުގެ ދަށުން، ޞަހްޔޫނީންގެ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ހޯދުމަށް ހުށަހަޅާފައިވާ ކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ. ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މެންބަރެއް ކަމުގައިވާ ތުރުކީވިލާތަކީ، ޔަހޫދީންގެ ޤަތުލުޢާންމާއި އަނިޔާވެރިކަމާއި، ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އެންމެ ފާޅުގައި ބަސްބުނަމުންދާ އެއް ޤައުމެވެ. ނަތަންޔާހޫ ހައްޔަރުކުރުމަށް ތުރުކީވިލާތުން މީގެ ކުރިން ވެސް ދާޚިލީ އަމުރެއް ނެރެފައިވެއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތުރުކީވިލާތުން ގޮވައިލާފައިވާއިރު، ޔަހޫދީން މި ތުހުމަތުތައް ދޮގުކުރެއެވެ.
ޣައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ' ހަރަކާތުން އެންމެ ފަހުން ކުރި ދަތުރުގެ ބައިވެރިންނަށް ޔަހޫދީ ސިފައިން ހަމަލާދީފައި ވަނީ މެއި މަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ތުރުކީވިލާތުގެ އިންޞާފާބެހޭ ވަޒީރު އަކިން ގުރްލެކް ވިދާޅުވީ، ފްލޮޓިއްލާގެ ދެ އުޅަނދަކަށް ހަމަލާދިން މައްސަލައިގައި 35 މީހެއްގެ މައްޗަށް ތުރުކީވިލާތުގައި ދަޢުވާ އުފުލާފައިވާއިރު، ނަތަންޔާހޫއާއި އިތުރު މީހަކު ހައްޔަރުކުރުމުގެ ދާޚިލީ އަމުރު ނެރެފައިވާ ކަމުގައެވެ. އެ ދެ މީހުންނަށް ތުރުކީވިލާތުން ކުރަނީ، ނަސްލުހޭދުކުރުމާއި ޤަތުލުޢާންމު ހިންގުމުގެ އިތުރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ލާއިންސާނީ އަނިޔާކުރުމުގެ ދަޢުވާއެވެ.
ނަތަންޔާހޫ ހައްޔަރުކުރުމަށް ޖިނާޢީ ކުށްތަކާބެހޭ ބައިނަލްއަޤުވާމީ ފުލުހުންގެ ޖަމުޢިއްޔާގެ (އިންޓަޕޯލް) ރެޑް ނޯޓިސް ހޯދުމަށް ހުށަހަޅާފައިވާ ކަން ހާމަކުރައްވާފައި ވަނީ ގުރްލެކްއެވެ. އަދި، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ޤާނޫނީ ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ރެޑް ނޯޓިސްއަކީ، ކުށުގެ ތުހުމަތުކުރެވޭ މީހުން ހައްޔަރު ކުރުމަށް އިންޓަޕޯލްގެ މެންބަރު ޤައުމުތަކުގެ ފުލުހުންގެ މައްޗަށް ލާޒިމުކުރާ އަމުރެކެވެ. މެންބަރު ޤައުމުތަކުގެ ހުށަހެޅުންތަކުގެ މައްޗަށް ބަލައި، ރެޑް ނޯޓިސްގެ އަމުރު ނެރުމުގެ ބާރު ލިބިގެން ވަނީ އިންޓަޕޯލްގެ އިސްވާރުންނަށެވެ.
މީގެ އިތުރުން، ސޫރިޔާގެ ވައިގެ ބަނދަރަކަށް ޔަހޫދީ ފައުޖުން ދާދިފަހުން ދިން ހަމަލާތަކަކާ ގުޅިގެން ވެސް ތުރުކީވިލާތާއި ޞަހްޔޫނީންގެ ދައުލަތާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ތުރުކީވިލާތުގެ އިތުރުން އެމެރިކާއިން ވެސް ވަނީ ސޫރިޔާއަށް ޔަހޫދީ ފައުޖުން ދީފައިވާ ހަމަލާތައް ކުށްވެރި ކޮށްފައެވެ. ހަމަލާތައް އަމާޒުކޮށްފައިވާ ވައިގެ ބަނދަރަކީ، ތުރުކީވިލާތުގެ ސިފައިން ބޭތިއްބުމަށް ރާވާފައިވާ މަރުކަޒެއް ކަމުގައި ޔަހޫދީން ބުނި ނަމަވެސް، ސޫރިޔާގެ ސަރުކާރުން ވަނީ އެ ކަން ދޮގުކޮށްފައެވެ. ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢާއެކު ތުރުކީވިލާތުން ބާއްވަމުންދާ ގާތް ގުޅުމަކީ ޔަހޫދީން ކަންބޮޑުވާ ގުޅުމެކެވެ. ސޫރިޔާއަށް ޔަހޫދީން ހަމަލާދީފައި ވަނީ، ޞަހްޔޫނީ ދައުލަތުގެ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް، ނަތަންޔާހޫގެ ސިޔާސީ މަންފާއަށް ކަމުގައި ތުރުކީވިލާތުން ބުނެއެވެ.