ޚަބަރު

ޔަހޫދީ ފައުޖުން ތިން ދަހަރުގެ ހަތިޔާރު ތިން އަހަރުން ހުސްކޮށްފި


ފާއިތުވި ތިން އަހަރެއްހާ ދުވަހު މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ ޤަތުލުޢާންމުތަކާއި ލާއިންސާނީ ޖަރީމާތަކުގައި ޢާންމު ގޮތެއްގައި ތިން ދަހަރެއްހާ ދުވަހު ބޭނުންކުރެވޭހާ ގިނަ ޢަދަދެއްގެ ހަތިޔާރު ބޭނުން ކޮށްފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ރިޕޯޓުކުރަމުން ޔަހޫދީ ދައުލަތުގެ ނޫހަކުން ބުނީ، މެދުކެނޑުމެއް ނެތި ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ސިފައިންނަށާއި، އަސްކަރީ ވަސީލަތްތަކަށާއި، މާލިއްޔަތަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފައިވާ ކަމުގައެވެ. ޔަހޫދީން އެންމެ ބޮޑު ޤަތުލުޢާންމެއް ހިންގަމުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށެވެ.

އެ ނޫހުން ބުނީ، ޢާންމު ގޮތެއްގައި ނުވަ އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ވައިގެ ސިފައިން ހިންގާ އޮޕަރޭޝަންތަކާ އެއްވަރުގެ ޢުދުވާންތަކެއް ފާއިތުވި ތިން އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމުގައެވެ. އަދި، އަސްކަރީ ޓޭންކުފަހަރާއި ސިފައިން އުފުލާ އުޅަނދުފަހަރުގެ އެތައް ހާސް އިންޖީނެއް ހަލާކުވެ، ބަދަލުކުރަން ޖެހިފައިވާ ކަމުގައެވެ. އަސްކަރީ އުޅަނދުފަހަރަކީ މަރާމާތުކުރެވޭ ތަކެތިކަމުގައިވީ ނަމަވެސް، ސިފައިންނަށް ލިބޭ ޖިސްމާނީ އަދި ނަފުސާނީ ގެއްލުމަކީ އަނބުރާ ރުޖޫޢަކުރެވޭނެ ކަމެއް ނޫން ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ހިންގާފައިވާ ޤަތުލުޢާންމުތަކުގެ ރައްދުގައި މުޖާހިދުންގެ ޖަމާޢަތްތަކުން ދީފައިވާ ރައްދު ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ސިފައިން މަރުވިއެވެ. މި ގޮތުން، ސަލާމަތީ އިދާރާތައް ނުހިމަނައި، ޔަހޫދީ އަސްކަރިއްޔާގެ 1,138 ސިފައިން ވަނީ މަރުވެފައެވެ. އަދި، 11,730 އަށްވުރެ ގިނަ ސިފައިންނަށް ވަނީ ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ލިބިފައެވެ. މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުތައް ހުއްޓައިނުލައިފި ނަމަ، ކުރިއަށް އޮތް ތަނުގައި މި ޢަދަދުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.

ޔަހޫދީ ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރު ކުރަމުންދާ ކަމުގެ ހެކިތައް ވެސް އެ ނޫހުން ހާމަކޮށްފައިވެއެވެ. މި ގޮތުން، ޢުދުވާންތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ބަދަލުގައި، ކޮމާންޑު ނުވަތަ އިސް މަޤާމުތަކަށް ބަދަލުވުމަށް ގިނަ ސިފައިން އެދެމުންދާ ކަން އެ ނޫހުން ފާހަގަކުރިއެވެ. މިހާރު ވެސް ޔަހޫދީ ފައުޖުން ދަނީ ރިޒާވް ސިފައިންގެ ގޮތުގައި 53,000 މީހުން ބައިތިއްބާ، ޚަރަދު ކުރަމުންނެވެ. އެ މީހުންނަށް އަހަރަކު 703 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރަންޖެހޭއިރު، މިއީ ޔަހޫދީ ދައުލަތުގެ މާލިއްޔަތަށް އޮތް ބޮޑު ބުރައެކެވެ. އަދި، އެފް-35 މަރުކާގެ ހަތް އަސްކަރީ މަތިންދާބޯޓު، ނުވަތަ 'މެރްކަވާ' މަރުކާގެ 70 އަސްކަރީ ޓޭންކުގެ އަގެވެ.

ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެންމެ ބޮޑު ޖަރީމާތަކެއް ހިންގަމުން ދަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބްނާނާއި ސޫރިޔާގެ ޢާންމުު ރައްޔިތުންނާ ދެކޮޅަށެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޤަތުލުޢާންމު ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ސަހަރުގެ %60 ސަރަޙައްދެއް މިހާރު އޮތީ ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި، އެންމެ ގިނަ ޢަދަދެއްގެ ސިފައިން މި ވަގުތު ހަރަކާތްތެރިވަމުން ދަނީ އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައެވެ. މީގެ އިތުރުން، ލުބްނާނާއި ސޫރިޔާގެ ދެކުނުގެ ބިންތަކަށް ޔަހޫދީ ސިފައިން ވަނީ ވެރިވެގަނެފައެވެ. އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ވެސް ޔަހޫދީ ފައުޖުން ބައިވެރިވިއެވެ. އެމެރިކާއިން އެ ހަނގުރާމަ ފެށީ ޞިހްޔޫނީން ރުއްސުމަށެވެ.