ކީރިތި ރަސޫލާ މުޙައްމަދު (ސ.އ.ވ) އަކީ މި ޢުއްމަތަށް ލިބިގެންދިޔަ އެފަދަ ދެވަނައެއް ނުވާ މިޢުއްމަތުގެ މާތް ނަބިއްޔާއެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތްﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތީ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުންނަށް އިސްލާމްދީން ފުރިހަމަކޮށްދެއްވުމަށްފަހުއެވެ. އަދި އިންސާނުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ފޮތްކަމުގައިވާ ކީރިތި ގުރުއާނާއި އެކަލޭގެފާނުގެ ސުންނަތް ވަނީ އުންމަތަށް ހިދާޔެއްގެ ގޮތުގައި ދޫކުރައްވާފައެވެ.
އެކަލޭގެފާނުގެ މަތިވެރި އަޚްލާޤުން ނަމޫނާ ނަގާނަމަ، އެކަލޭގެފާނުގެ މުޅި ހަޔާތްޕުޅުގެ ކޮންމެ ހިސާބަކުންވެސް މުޅި އިންސާނީ ޢުއްމަތަށް ޢިބުރަތުން ފުރިގެންވާ އެތައް، ނާމޫނާއެއް ދައްކަވާފައިވެއެވެ. ރަސޫލާގެ އިންސާނިއްޔަތުކަމާއި އަޚްލާޤީ މަތިވެރި ސިފަތަކަކީ މުޅި އިސްލާމީ އުންމަތުން ފާހަގަކުރަންޖެހޭ ކަމެކެވެ. އެކަލޭގެފާނަކީ އެންމެ ފުރިހަމަ އިންސާނާއެވެ. އަހްލުންނާއި އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު އެމީހުންގެ ބުރަތަކާއި ދަތިތައް ތަޙައްމަލުކުރެއްވުމުގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެންމެ ކުރިއަށް ނަޒަރު ހިންގާއިރު، ޤުރައިޝުންގެ މުޖްތަމަޢުގެ ހުރި އުނި ސިފަތައް އެކަލޭގެފާނުގެ ކިބައިން ފެނިވަޑައެއް ނުގަންނަވައެވެ. ކީރިތި ރަސޫލާ ތުއްޕުޅު އިރުއްސުރެ، އެކަލޭގެފާނު ތަރުބިއްޔަތު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭކަލަކީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ. ޢަބޫޠާލިބުގެފާނު ރަސޫލާ (ސ.އ.ވ) ސިފަކުރައްވާފައިވަނީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ އަދި އެޒަމާނުގެ އެހެން ކުދިންގެ ހުރި އެއްވެސް އުނި ސިފައެއް ނެތް ބޭކަލެއްގެ ގޮތުގައެވެ. އެއްޗެއް ލިބިވަޑައިގަތަސް ލިބިވަޑައިނުގަތަސް އެކަލޭގެފާނު އެކަމަށް ކެތްތެރިވެވަޑައިގަންނަވާ ބޭކަލެއްގެ ގޮތުގައެވެ.
ނަބީކަމާއިގެން ވަޑައިގެންނެވުމުގެ ކުރިންވެސް ރަސޫލާ (ސ.އ.ވ)އަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ނަމޫނާ ޝަޚްސިއްޔަތެއްގެ ގޮތުގައި ޤުރައިޝުންވެސް ވަނީ ބަލައިގަނެފައެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކުރިމަތީގައި ރަސޫލާ (ސ.އ.ވ) މަޝްހޫރުވެވަޑައިގެންފައިވަނީ މުޙައްމަދުލްއަމީންގެ ނަންފުޅުންނެވެ. ގާތްތިމާގެ ބޭފުޅުންނާއި ދިމާވާ މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންނެވިއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވެވިއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވާ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތެވިއެވެ. ޣައިރު މުސްލިމުންނާ އެކުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވިއެވެ. ހުރިހާ ވަގުތެއްގައިވެސް ވެވަޑައިގެންފައިވަނީ އޯގާތެރި، ދީލަތި ބޭކަލަކަށެވެ. ތެދުބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވި، ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.
ވެރިއެއްގެ ޙައިސިއްޔަތުން، އަޚްލާޤުގެ ޙައިސިއްޔަތުން، ދީނަށް ގޮވައިލެއްވި ރަސޫލުބޭކަލެއްގެ ހައިސިއްޔަތުން، މުރައްބީއެއްގެ ހައިސިއްޔަތުން އެކަލޭގެފާނަކީ މަތިވެރި އިންސާނެކެވެ. ކީރިތި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ ޝަޚްސިއްޔަތާމެދު ހުރިހާ ދީނެއްގެ ހުރިހާ ނަސްލަކާއި ނަޞަބެއްގެ މީހުންގެ ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭކަލެކެވެ.
ކީރިތި ރަސޫލާ ދެއްކެވި ނަމޫނާއާއި އެކަލޭގެފާނު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކާއި ޚުލްޤުފުޅާއި ޝަޚްސިއްޔަތާމެދު ޢިލްމުވެރިންނާއި ޙިކުމަތްތެރިން އެކި ޒަމާނުގައި ވަނީ މުހިންމު ވާހަކަތައް ދައްކާފައެވެ. މީގެތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެއެވެ. އެކަލޭގެފާނުގެ ދުޝްމިނުންވެސް އެކަލޭގެފާނުގެ ހުލްޤުފުޅާއި ޝަޙްސިއްޔަތު ބަލައިގެންފައިވެއެވެ.
މިއަދުގެ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި ހަލާކުވަމުންދަނީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ ގެންނެވި ރިސާލަތާއި އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ނުބެހެއްޓޭތީކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކީރިތި ރަސޫލާގެ ސީރަތުން ޢިބްރަތް ހާޞިލްކޮށް އަޅުގަނޑުމެންގެ އިސްލާމީ އުއްމަތް މިއަދު
މިއޮތް ޙާލަތުން ސަލާމަތްކޮށް އިސްލާމީ ރިވެތި ސިފަތަކުން މުޅި އުއްމަތް ޒީނަތްތެރިކުރުމަކީ ކޮންމެ މުސްލިމަކުވެސް އަޒުމު ކަނޑައަޅަންޖެހޭ ކަމެކެވެ.