އަންނަމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި އަމާޒަކީ މުގުރާލަން އުނދަގޫ ޤައުމީ ރެކޯޑެއް ހެދުންކަމަށް 10 މީޓަރު އެއާ ރައިފަލްގެ ޤައުމީ ރެކޯޑް ދަމަހައްޓަމުން އަންނަ އާއިޝަތު އީޝާ ޝަހީދު ބުނެފިއެވެ.
އޭޝިއަން ގޭމްސްއަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ޓްރޭނިންގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޤައުމީ ޝޫޓިން ޓީމުގެ އުންމީދީ ކުޅުންތެރިޔާ ބުނީ އޭނާގެ އަމާޒަކީ މުބާރާތުގެ ތެރެއިން ޤައުމީ ރެކޯޑް އައުކުރުންކަމަށެވެ.
އަދި އޭނާގެ އުންމީދަކީ ފަސޭހައިން މުގުރާނުލެވޭނެ ފަދަ މަތީ ސްކޯއެއް މުބާރާތުގެ ތެރެއިން ހޯދުންކަމަށާ އަދި ޝޫޓިން ޓީމުން ވާދަކުރާ ކޮންމެ އިވެންޓަކުން ފައިނަލުގެ ޖާގަ ހޯދުމަށް ޓީމު އެކަތިގަނޑެއްގެ ގޮތުގައި ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަކަމަށް އީޝާ ބުންޏެވެ.
"އޭޝިއަން ގޭމްސްގައި އަމާޒަކީ ޤައުމީ ރެކޯޑް އައުކުރަން. މަސައްކަތްކުރަނީ ފަސޭހައިން މުގުރާނުލެވޭނެފަދަ ސްކޯއެއް ހެދޭތޯ. ޓީމުގެ އަމާޒަކީ ކޮންމެ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ހޯދުން" އީޝާ ބުންޏެވެ.
އުންމީދީ ޒުވާން ޝޫޓަރު 10 މީޓަރު އެއާ ރައިފަލް ކެޓަގަރީގެ ޤައުމީ ރެކޯޑް ހަދާފައިވަނީ 2025 ވަނަ އަހަރު ކުރިއަށްދިޔަ ޤައުމީ ޝޫޓިން ޗެމްޕިއަންޝިޕްގެ އެއަރ ރައިފަލް އަންހެން ޕްރޮފެޝަނަލް ކެޓެގަރީގައި ވާދަކޮށް 609.06 ޕޮއިންޓް ހޯދައިގެންނެވެ.
މީގެ ކުރިން މި ރެކޯޑް ދަމަހައްޓަމުން އައީ ޝަރަފިއްޔާ ޢަބަދުއްރަހުމާންއެވެ. އޭނާ އެ ރެކޯޑް ހެދީ 2022 ވަނަ އަހަރު ޗައިނާގެ ހެންޖޯގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް 605.09 ޕޮއިންޓް ހޯދައިގެންނެވެ.
20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ވާދަކުރާ ޤައުމީ ޝޫޓިން ކޮންޓިންޖެންޓްގައި 12 އެތުލީޓުން ހިމެނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީގައިވެސް ޤައުމީ އެތުލީޓުން ފެނިގެންދާއިރު އިންޑިވިޖުއަލް، ޓީމު އަދި މިކްސް ޓީމު އިވެންޓްތަކުގައި ޤައުމީ ޝޫޓިން ޓީމު ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.