ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ އިތުރު އިސްލާހުތައް ގެނެސްފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް އިސްލާހު ގެނެސްފައެވެ. އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުންކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.