ޚަބަރު

ޓެކުހާގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި


  • މި ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން

  • ޓެކްސް ކޮމިޝަނަރަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ 200،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ

ޓެކުހާގުޅޭ ކުށާއި އަދަބުތައް އިސްލާޙުކުރުމަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ. އަދި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާޙުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ މަޤްޞަދެކެވެ.

މީގެއިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުމަށް ޤާނޫނު އިސްލާހުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ ބޭނުމެކެވެ.

މި އިސްލާހުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ދީފައިވަނީ ބަނޑާރަނައިބުގެ ބަދަލުގައި މީރާއަށެވެ. އަދި ޓެކުހާ ގުޅޭ އެކި ކުށްތައް ތަފްސީލްކުރުމާއެކު ކުށުގެ އަދަބުތައް ބޮޑުކޮށްފައިވެއެވެ. އެ ގޮތުން މިހާރު ޤާނޫނުގައި ހިމަނާފައިނުވާ ބައެއް ކަންކަން ކުށުގެ ގޮތުގައި އައު އިސްލާހުގައި ހިމަނުއްވާފައިވެއެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއްއަޅައި، ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވަކީ އަދި އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މިފަދަ ކުށެއްގެ އަދަބަކީ 200،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި ހާމަކުރާ ސިއްރު މަޢުލޫމާތުގެ ތެރެއިން ޢާންމުކުރެވޭ ނުވަތަ އެ މަޢުލޫމާތު ޢާންމުކުރުން ޤާނޫނު ހުއްދަކުރާ މަޢުލޫމާތު ފިޔަވައި އެނޫން ކޮންމެ މަޢުލޫމާތެއްގެ ސިއްރުކަން އެ މަޢުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސ،ް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ޝަރީޢަތެއްގެ ބޭނުމަށް މަޢުލޫމާތު ހާމަކުރުމަކަށް ހުރަސް ނާޅާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއްގެ މަޢުލޫމާތު ނުވަތަ ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޤާނޫނެއްގެ ދަށުން މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި އެނޫން ފައިސާއާއި ޖޫރިމަނާ ނުދައްކާ ފަރާތެއްގެ މަޢުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމާ ޚިލާފު ކަމެއް ނޫންކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.