އިންޖިނިއަރިން ދާއިރާއިންނާއި ސައިންސް ބޭސްޑް ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަސް، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޖިނޭރުންގެ ޚިދުމަތް ފާހަގަކުރުމާއި އެ ދުވަސް ފާހަގަކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި މި ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުވުމަކީވެސް މުހިއްމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމް ހާސިލްކުރަން ދާ ކުދިންގެ ތެރެއިން އިންޖިނިއަރިން ދާއިރާއިން ތަޢުލީމް ހާސިލްކުރަނީ ވަރަށް މަދު ދަރިވަރުންކަމަށެވެ. އެހެންކަމުން ސައިންސް ބޭސްޑް، އިންޖިނޭރުން ބޭސްޑް ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަކީ މުހިއްމުކަމެއްކަމަށާއި، އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސައިންސް، މެތަމެޓިކްސް އިންޖިނިއަރިންއަށް ދަނީ ވަރަށް މަދުން. ބޮޑަށް ވިޔަފާރިއާއި މެނޭޖްމަންޓް، ޤާނޫނީ ދާއިރާތަކަށް މިދަނީ. އެއީވެސް މުހިއްމު ދިމަދިމާ. ރާއްޖޭގައި ވިޔަފާރި ކުރިއެރުމަށް، ޤާނޫނީ ދާއިރާ ކުރިއެރުވުމަށްވެސް ދިވެހިން ބޭނުންވޭ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ އެ ދާއިރާތަކުން ދިވެހިން ތަމްރީންވުމަށް ޝައުޤުވެރިކަން އުފެއްދުންކަމަށެވެ. ސިވިލް އިންޖިނޭރުން، އިލެކްޓްރޯނިކް، މެކޭނިކަލް ދާއިރާތަކުން މީހުން އުފެއްދިއްޖެނަމަ އޭގެ ފައިދާ ރާއްޖެއަށް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު އެކި މަޝްރޫޢުތަކަށް ރާއްޖެއިން ބޭރު އިންޖިނޭރުން ގެނައުމުގެ ބަދަލުގައި ރާއްޖޭގެ ތަރައްޤީގެ މައިދާނުގައި ހުރި ކަންކަމުގައި އަދި ރާއްޖޭގެ އިޤްތިޞާދުގައި ދިވެހި އިންޖިނޭރުން ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ. ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައެވެ.
މިއަހަރު މިދުވަސް ފާހަގަކުުރުމުގެ ގޮތުން ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނޭރުންގެ ދާއިރާއަށް ދިވެހި އިންޖިނޭރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭން ފަށާނެއެވެ.
އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނޭރުންނާއއި އެދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނޭރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ. މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމާފައިވެއެވެ.