އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި ކުޅިވަރު ވުޒާރާއާއި ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުންފަތުން ރައްކާތެރިވެފައިވާ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" މިދިޔަ އަހަރުގެ ފަހުކޮޅު ތަންފީޒުކޮށްފަވާއިރު، މިސިޔާސަތާއެކު ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަކީ ދުންފަތުން ރައްކާތެރިވެފައިވާ ބަޔަކަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޤައުމީ އެތްލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުންކަމަށެވެ. އެއަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި ކުޅިވަރު ވުޒާރާއާއި ޖަމިއްޔާ ޖަމާޢަތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެތްލީޓުން ދުންފަތުން ދުރުކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައި ތިބި އެތްލީޓުންތަކެއް އަޅުގަނޑުމެންގެ ހުރިހާ ޤައުމީ ޓީމުތަކުގައި ތިބުން. އެހެންވީމަ އެޓާގެޓަށް ދަންޏާ ކުރަންޖެހޭ މަސައްކަތެއް ނޫންތޯ ހުންނާނީ. އެހެންވީމަ ސްޕޯޓްސް މިނިސްޓްރީއާ ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހިތްވަރުދީގެން އިންސެންޓިވައިޒްކޮށްގެން ނޫނީ ގޮތްގޮތަށް މަގުފަހިކޮށްދީގެން އަޅުގަނޑުމެން ބަލަންޖެހޭނީ އެތްލީޓުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުކުރުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ހިފާފައިވާ އަމާޒާއެއްގޮތަށް ކަންކަން ބައްޓަންކުރެވި، ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެވިއްޖެނަމަ ރާއްޖޭގެ އެތްލީޓުންގެ ސިއްހަތަށާއި ޕާފޯމަންސަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އަދި އުންމީދަކީ ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ދުންފަތުން ސަލާމަތްވެފައިވާ އާބާދީއަކަށް ހެދުންކަމަށާ، މިކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެވޭނެކަމަށް ރައީސްގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ.
"އެތްލީޓުންގެ ސިއްހަތަށްވެސް އަދި އެކުދިންގެ ޕާފޯމަންސަށްވެސް ރަނގަޅުވާނީ އޭރުން. އެހެންވީމަ އެ މަގްސަދު ހާސިލްކުރުމަށްޓަކައި އެ ޓާގެޓް ކަނޑައެޅީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ހާސިލްވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިމަހުގެ ތެރޭގައެވެ. މިބައްދަލުވުމުގެ ތެރެއިން ނިންމެމި މުހިންމު ނިންމުންތަކަށް ބަލާއިރު، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމުންތައް ހިމެނެއެވެ.
މީގެއިތުރުން ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފަވެއެވެ.