ނޭޕާލްއާއި ޓިބެޓްއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ މެދުވެރިވި ސަބަބަކީ އެއްގަމުގައި ހެދިފައިވާ ޤުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި، އެ ގަނޑުފެންގަނޑު އެތައް ސަތޭކަ މީޓަރު ތިރީގައި އޮތް ވާދީއަކަށް ވެއްޓުން ކަމަށް ވުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ. ތަޖުރިބާކާރުން އެހެން ވިދާޅުވީ ސެޓެލައިޓް ފޮޓޮއިން ލިބެންހުރި މަޢުލޫމާތުގެ މަައްޗަށް ބިނާކޮށެވެ.
ގަނޑުފެންގަނޑުން ބައެއް ނެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، ނޭޕާލްގެ އޮފިޝަލުން ވަނީ އެއީ ހާދިސާ ހިނގުމުގެ މިނެޓުކޮޅެއް ކުރިން އެ ސަރަޙައްދަށް އައި ބިންހެލުމެއްގެ ސަބަބުން ހިނގި ހާދިސާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. ހާދިސާގައި މަރުވި 100އަށްވުރެ ގިނަ މީހުންގެ ހަށިތައް މިހާތަނަށް ހޯދިފައިވާ އިރު، މަރުވި މީހުންގެ ޖުމްލަ ޢަދަދު އެއަށްވުރެ މާ އިތުރުވާނެ ކަމަށް އިދާރާތަކުން ބުނެއެވެ. މި ވަގުތު ވެސް 300އަށްވުރެ ގިނަ ދަތުރުވެރިންނަށް ވީނުވީއެއް ނޭނގި ގެެއްލިފައިވާ ކަމަށް ނޭޕާލްގެ ސަރުކާރުން ބުނެއެވެ.
ޕްލެނެޓް ލެބްސްއިން ޙިއްޞާކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ހާދިސާ ހިނގުމުގެ ކުރިންނާއި ފަހުން އެ ސަރަޙައްދު އޮތް ގޮތް ފެނެއެވެ. ހާދިސާ ހިނގުމުގެ ކުރިން ގަނޑުފެންގަނޑުގެ ބޮޑު ތަންގަނޑެއް ނެއްޓިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް އިންޑިޔާގެ ސިއްކިން ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ވިކްރާމް ގުޕްތާ ވިދާޅުވިއެވެ.
ޔުނިވަސިޓީ އޮފް ކެލްގަރީގެ ސައިންޓިސްޓެއް ކަމަށްވާ ޑޭން ޝުގާ ވިދާޅުވީ 5،200 މީޓަރު މަތިން ގަނޑުފެންގަނޑުގެ ބައެއް ނެއްޓި، 1،200 މީޓަރު ތިރީގައި އޮތް ވާދީއަށް ނެއްޓުނު ބައި ވެއްޓިފައިވާ ކަމަށެވެ. ހާދިސާ ހިނގުމުގެ ކުރިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގިނަ ޢަދަދެއްގެ ގަނޑުފެން ވިރިފައިވާ ކަން ސެޓެލައިޓް ފޮޓޯތަކުން ފާހަގަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ފާއިތުވި 30 އަހަރެއްހާ ދުވަހުގެ ތެރޭގައި ނޭޕާލްގެ ސްނޯ ޖަހާފައިވާ ފަރުބަދަތަކުގެ ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައި ގަނޑުފެން ވަނީ ވިރިގެން ގޮސްފައިވާ ކަމަށް 2023ވަނަ އަަހަރުގެ ތެރޭގައި އދން ވަނީ ބުނެފައެވެ. ޖައްވަށް އެންމެ ގިނައިން ކާބަން ދޫކުރާ ދެ ޤައުމު ކަމަށްވާ އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ނޭޕާލްގެ އެއްގަމުގައި އުފެދިފައިވާ ގަނޑުފެން، ފާއިތުވި 10 އަހަރުގެ ތެރޭގައި ވިރިފައިވާ މިންވަރު އޭގެ ކުރީ 10 އަހަރާ އަޅާބަލާއިރު 65 އިންސައްތަ އިތުރުވެފައިވާ ކަމަށް އދން ބުނެއެވެ.