ޚަބަރު

ވަސީލަތްތައް ހުރިނަމަ ޤައުމީ ޓީމުގެ ވިދުން ގަދަވީސް: ކޯޗް އަސަދުﷲ


  • ޓީމާމެދު ކުރެވޭ އުންމީދު ބޮޑުކަމަށް އަސަދުﷲ ފާހަގަކުރި

  • އުންމީދަކީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ކުރިއެރުންތައް ގެނެސްދިނުން

  • ކޯޗުވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ތައުރީފްކޮށްފައި

އެކަށީގެންވާ ވަސީލަތްތައް ރާއްޖޭގައި ޤާއިމުވެފައިވާނަމަ ޤައުމީ ކުރިކެޓް ޓީމަކީ ވިދުންގަދަ ޓީމަކަށްވާނެކަމަށް ޤަބޫލުކުރާކަމަށް ޤައުމީ ކުރިކެޓް ޓީމާ ދާދި ފަހުން ހަވާލުވި ތަޖުރިބާކާރު ބިދޭސީ ކޯޗް އަސަދުﷲ ޚާން ބުނެފިއެވެ.

މިމަހުގެ ކުރީކޮޅު ޤައުމީ ޓީމާ ހަވާލުވެ، ޓީމަށް އިރުޝާދުދެމުން އަންނަ އަފްޣާނިސްތާނުގެ ކޯޗު ބުނީ ރާއްޖޭގެ ޤައުމީ ޓީމާއެކު މަސައްކަތްކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއްކަމަށެވެ. ޓީމަށް އިރުޝާދުދިނުމުގެ މަސައްކަތް ކޯޗް ފަށާފައިވާއިރު ރާއްޖޭގެ ކުޅުންތެރިންނަށް ތައުރީފްކުރަމުން ކޯޗް ބުނެފަވަނީ ޤައުމީ ޓީމުން ހުނަރުވެރި ކުޅުންތެރިން ފާހަގަކުރެވޭކަމަށެވެ. ޓީމު އިތުރަށް ކުރިއެރުވުމަށް ޕޮލިޝްކޮށްލަން ޖެހޭކަން ފާހަގަކޮށް ކޯޗް ބުނީ ރާއްޖޭގެ ކުޅުންތެރިން ކުރިއެރުވޭނެކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

"ރާއްޖޭގެ ޤައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ. ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާކަން ފާހަގަކޮށްލަން. މިއީ ހުނަރުވެރި ޓީމެއް. އެހެންނަމަވެސް ޓީމު އިތުރަށް ފުރިހަމަކޮށްލަން ޕޮލިޝްކޮށްލަން އެބަޖެހޭ" ކޯޗް ބުންޏެވެ.

އައިސީސީ މެންސް ޓީ 20 ރޭންކިންއަށް ބަލާއިރު ރާއްޖެ އޮތީ 84 ވަނައިގައެވެ. އެކަމަށް އިޝާރާތްކޮށް ކޯޗް ބުނީ ރޭންކިންއަށް ބަލާއިރު ރާއްޖެއަށް ފަހަތުން ޖާގައެއް ލިބިފައިވީ ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ލިބިފައިވާނަމަ ރާއްޖޭގެ ޤައުމީ ޓީމަކީ ވިދާލާނެ ޓީމެއްކަމަށް ދެކޭކަމަށެވެ. އެގޮތުން ޓީމުގެ ފަރިތަކުރުންތައް ބޭއްވުމަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޕިޗެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ކޯޗް ފާހަގަކުރިއެވެ.

"ރޭންކިންއަށް ބަލައިފަކަމަށްވާނަމަ ރާއްޖެ މިފެންނަނީ ވަރަށް ފަހަތުން. އެހެންނަމަވެސް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވި، މިސާލަކަށް ބަލަމާ އިންފްރާސްޓްރަކްޗަރ އާއި އެކަށީގެންވާ ޕިޗެއްވެސް ލިބިއްޖެނަމަ، ޤައުމީ ޓީމަކީ ނަން ވިދާލާ ފަދަ ޓީމަކަށް ހެދިދާނެކަމަށް އަޅުގަނޑު ޤަބޫލްކުރަން" އަސަދުﷲ ބުންޏެވެ.

ޤައުމީ ކްރިކެޓް ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްގައި ވާދަކުރުމަށެވެ. އެމުބާރާތަށް ޓީމުން ވަރަށް ޖޯޝާއެކު ފަރިތަކުރަމުން އަންނައިރު، އުންމީދަކީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ކުރިއެރުންތަކެއް ލިބި، ކާމިޔާބީތަކެއް ލިބޭތަން ފެނުންކަމަށް ކޯޗް ބުންޏެވެ.

"މި ކުޅުންތެރިންގެ ހުނަރުވެރިކަން ފާހަގަވޭ. މިއީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް. ޓީމުން މިހާރު ތައްޔާރުވަމުން މިދަނީ މެލޭޝިއާގައި އޮތް މުބާރާތަކަށް. އުންމީދަކީ ޓީމަށް ކުރިއެރުންތަކެއް ލިބުން. ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ ހިތްވަރާއެކު މަސައްކަތްކުރާތަން" ޤައުމީ ކުރިކެޓް ކޯޗް ބުންޏެވެ.

ޤައުމީ ކުރިކެޓް ޓީމުގެ އައު ކޯޗަކީ އަފްޣާނިސްތާނުގެ ޤައުމީ ޓީމަށް ކުޅެފައިވާ ކާމިޔާބު ކުޅުންތެރިއެކެވެ. އޭގެ ފަހުން އަފްޣާނުގެ ޤައުމީ ޓީމާ ހަވާލުވެ ގިނަ ކުރިއެރުންތަކެއް އޭނާވަނީ ޓީމަށް ހޯދައިދީފައެވެ. ކުރިކެޓްއިން ގިނަ ތަމްރީނުތަކެއް ހަދާފައިވާ ކޯޗަކީ އައިސީސީގެ އެކި ލެވެލްތަކުގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތެއްވެސްމެއެވެ.

އަސަދުﷲ ގެ ބައިނަލްއަޤްވާމީ ތަޖުރިބާތަކަށް ބަލާއިރު، ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުކަމުގެ އިތުރުން ހެޑް ކޯޗުކަން އޭނާ ކޮށްފައިވެއެވެ. އަދި 2021 އިން 2023 ގެ ނިޔަލަށް އޭނާވަނީ ގަތަރުގެ ކުރިކެޓް ޓީމުގެ ހެޑް ކޯޗުކަމާއި ކުރިކެޓް ފެޑެރޭޝަން އޮފް އުޒްބެކިސްތާންގެ ޑިރެކްޓަރުގެ މަގާމް އަދާކޮށްފައެވެ.