އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ 30 ޓެނިސް މުބާރާތުގެ ވީކް 2ގެ އަންހެން ޑަބަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އުންމީދީ އެތްލީޓް އާއިޝަތު ކަރިން ސައިޒާންގެ ޕެއާއަށް ފައިނަލުގެ އުންމީދު ގެއްލިއްޖެއެވެ.
މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާގައި ރާއްޖޭގެ ކަރިން އަދި އަނާ ސްޓެޕަންޔަންޓުގެ ޕެއާ ވާދަކުރީ، ޗައިނީޒް ޓައިޕޭގެ ޔޫ އާން ލޫ އަދި އެލެކްޒެންޑްރާ ޕޮރޮޝީނާއާއެވެ. މިމެޗުގެ ސެޓުތައް އިދިކޮޅު ޕެއާއިން ގެންދިޔައީ، 07-05 އަދި 05-02 އިންނެވެ.
އައިޓީއެފް ޖޭ 30 މުބާރާތުގައި ހޮނިހިރު ދުވަހު ކުރިއަށްދާނީ، ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސްގެ އިތުރުން އަންހެން އަދި ފިރިހެން ކެޓަގަރީގެ ޑަބަލްސްގެ ފައިނަލް މެޗުތަކެވެ. މިމުބާރާތުގައި ކަރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން މުބާރާތުގެ ވީކް 1ގެ ސިންގަލްސް އިވެންޓުގައިވެސް ކަރިން ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
އައިޓީއެފް "ޖޭ 30" މުބާރާތުގައި ޔޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާ ފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިން ދަނީ، ވާދަކުރަމުންނެވެ.
14 އަހަރާ 18 އަހަރާ ދެމެދުގެ ކުޅުންތެރިން ވާދަކުރާ އައިޓީއެފް ޖޭ 30 ކުރިއަށް ދާނީ، ދެ ހަފުތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ، މިމަހުގެ 30 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.