ރެފިޔުޖީންނަށް އެހީތެރިވާ އދގެ އިދާރާ، ޔޫއެންއެޗްސީއާރުގެ ބަޖެޓު 16 އިންސައްތައިން ކުޑަކޮށް، އެ އިދާރާއިން 3،500 މަޤާމު މަދުކޮށްފިއެވެ. ޔޫއެންއެޗްސީއާރުން އެގޮތަށް ޢަމަލުކޮށްފައި ވަނީ މި އަހަރު ދުނިޔޭގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު ރެކޯޑު މިންވަރަކަށް އިތުރުވާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައި އެ އިދާރާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުންނެވެ.
ޔޫއެންއެޗްސީއާރަށް މާލީ ދަތިތައް ކުރިމަތިވި މައިގަނޑު ސަބަބަކީ ބޭރުގެ ޤައުމުތަކަށް އެމެރިކާގެ ސަރުކާރުންނާއި އެހެން އިދާރާތަކުން ދޭ މާލީ އެހީތެރިކަން ކަނޑައިލުމެވެ. ބެލެވޭ ގޮތުގައި ޔޫއެންއެޗްސީއާރުން އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިން މަދުކުރާނެއެވެ. އަދި 2025ވަނަ އަހަރުގެ ބަޖެޓަށް ވުރެ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތިންބައިކުޅަ އެއްބައިން މަދުވާނެއެވެ.
2025ވަނަ އަހަރު ޔޫއެންއެޗްސީއާރުގެ ބަޖެޓުގައި 16،126 މަޤާމު ހިމަނާފައިވެއެވެ. ނަމަވެސް މި އަހަރުގެ އެ ޢަދަދަު ވަނީ 12،051އަށް މަދުކޮށްފައެވެ. ކުރިއަށް އޮތް އަހަރަށް އެ އިދާރާރިން ބަޖެޓުކޮށްފައި ވަނީ 8،540 މަޤާމެވެ. މީގެ ތެރޭގައި ވަޤުތީ މުވައްޒަފުންނާއި ކޮންޓްރެކްޓަރުންނެއް ނުހިމެނެއެވެ.
ޔޫއެންއެޗްސީއާރުގެ ތަރުޖަމާނު ވިދާޅުވީ މަޤާމުގެ ޢަދަދު މަދުކުރި ނަމަވެސް އޭގެ ސަބަބުން ސީދާ މަދުވި ޢަދަދަށް މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. އެއީ ކުރިން ބަޖެޓުކޮށްފައިވާ ހުރިހާ މަޤާމަކަށް މުވައްޒަފުން ނަގާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ކަރުދާހުގައި ބަޖެޓުކޮށްފައި އޮތް މަޤާމުގެ ޢަދަދަކީ ޔޫއެންއެޗްސީއާރަށް ބޭނުންވާ ނުވަތަ ހާސިލްކުރަން އެދޭ އެހީގެ ޢަދަދަށް ބަލައިގެން ބަޖެޓުކޮށްފައިވާ ޢަދަދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރު ޔޫއެންއެޗްސީއާރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ މި އަހަރު ވެސް ލިބޭނެ ކަމަށް އަންދާޒާކުރި ޢަދަދާ ދާދި އެއްވަރުގެ ޢަދަދެއް ކަމަށެވެ. 2025ވަނަ އަހަރު އެ އިދާރާއަށް ފައިސާ ލިބުނީ ބޭނުންވާ މިންވަރަށްވުރެ މާ މަދުން ކަމަށާއި، އޭގެ ސަބަބުން އޭރު ވެސް މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް މަޖުބޫރުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ، ނަމަވެސް އަވަސްއަވަހަށް މަސައްކަތް ހަވާލުކުރަން ނުޖެހޭ 1،000އަށްވުރެ ގިނަ މުވައްޒަފުން ޔޫއެންއެޗްސީއާރުގައި ތިބި ކަމަށެވެ. މި ފަދަ މަޤާމުތަކުގައި މުވައްޒަފުން ބޭތިއްބުމަށް ފުރުޞަތު ދެވެނީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ އުސޫލުތައް ބަދަލުކުރުމަށް ސިޔާސަތުތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑެތި މާލީ ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޔޫއެންއެޗްސީއާރު އިތުރަށް ހަރުދަނާކޮށް، ޚަރަދު ކުޑަކޮށް، ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.