މިފްކޯއަށް މިއަދު މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއަށް ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެ ކަމަށް މިފްކޯއިންވަނީ ވިދާޅުވެފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފައެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.
މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު މިވަނީ އިތުރު 1.00 ރުފިޔާ ބޮޑުވެފައެވެ.
މަސް ގަންނަ އަގަށް ގެނައި މިބަދަލާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ މަސްވެރިންގެ އަތުން މިއަދު މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށެވެ. މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް ކަމަށް މިފްކޯއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަމުން ދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިޢާޔަތްކޮށްގެން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.
މިފްކޯއިން ވިދާޅުވީ، އަގަށް ގެނައި މިބަދަލާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޭއެފްސީ ޖެޓީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އޭއެފްސީ ޖެޓީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އެފްއެފްސީ ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށެވެ.