އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ 30 ޓެނިސް މުބާރާތުގެ ދެވަނަ ހަފުތާގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ޔޫކޭގެ ޒުވާން ކުޅުންތެރިޔާ ހާގިމް ކަމާލް އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ޗައިނީޒް ޓައިޕޭއަށް ނިސްބަތްވާ ޒުވާން ކުޅުންތެރިޔާ ޕިން ސެން ޗޯ ހޯދައިފިއެވެ.
މިމަހުގެ 16 އިން 29 ގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތުގެ ފިރިހެންކުދިންގެ ބައިގެ ޗެމްޕިއަންކަން ހާގިމް ހޯދީ ފައިނަލުގައި އިންޑިއާގެ ވިވާން މިރްދާ ފަސޭހަކަމާއެކު 06-01 އަދި 06-01 އިން ބަލިކޮށްގެންނެވެ. އަންހެން ސިންގަލްގެ ޗެމްޕިއަންކަން ޕިން ސެން ހޯދީ ޗައިނީޒް ޓައިޕޭގެ ޔޫ އާން ލޫގެ މައްޗަށް 06-03 އަދި 06-03 އިން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ އަންހެންކުދިންގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ، ސިންގަލް ޗެމްޕިއަންކަންވެސް ހޯދި، ޕިން ސެން ޗޯ އަދި ޖަޕާނުގެ ރީކޯ ޝޮޒުއިގެ ޕެއާއެވެ. އަދި ފިރިހެންކުދިންގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޖަޕާނުގެ ރެއި އިވަސާކީ އަދި އެމެރިކާގެ ރެން މާކް ކުބޯޓާގެ ޕެއާއެވެ.
ދެ މުބާރާތެއް ހިމެނޭގޮތަށް ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންވެސް ވާދަކޮށްފަވާއިރު، ރާއްޖޭގެ އާއިޝަތު ކަރިން ސައިޒާންވަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކާ ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައެވެ. ފުރަތަމަ ހަފްތާގެ ކުއާޓާގައި ކަރިން ވާދަކުރިއިރު، ދެވަނަ ހަފްތާގެ ޑަބަލްސް އިވެންޓުން ކަރިންގެ ޕެއާވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މިމުބާރާތުގައި އޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިންވަނީ ވާދަކޮށްފައެވެ.