ޚަބަރު

އީޔޫއާ ގުޅުމުގެ މަޝްވަރާތަކަށް އައިސްލޭންޑުގެ ރައްޔިތުން ނޫނެކޭ ބުނެފި


ވިލާތުގެ އިއްތިޙާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅުމުގެ މަޝްވަރާތައް ފެށުމަށް އައިސްލޭންޑުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުން، އެ ޤައުމުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

އައިސްލޭންޑުގެ މައި ބްރޯޑްކާސްޓަރު އާރްޔޫވީން ބުނީ، އެ ޤައުމުގެ 6 އިލެކްޓޯރަލް ދާއިރާގެ ތެރެއިން އެއް ދާއިރާއެއްގެ މަދު ވޯޓުކޮޅެއް ގުނަން ބާކީ އޮތްއިރު، އީޔޫއާ ގުޅުމުގެ މަޝްވަރާއާ ދެކޮޅަށް 52.5 އިންސައްތަ މީހުންގެ ވޯޓު ވަނީ ލިބިފައެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށް ލިބުނީ 47.5 އިންސައްތަ ވޯޓެވެ.

މި ނަތީޖާއަކީ ބްރަސެލްސްގައި މައި މަރުކަޒު ހުންނަ އީޔޫއަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އައިސްލޭންޑް ފަދަ ތަނަވަސް ޤައުމެއް އައު މެންބަރެއްގެ ގޮތުގައި މަރުޙަބާ ކިޔުމަށް އީޔޫން ވަރަށް ބޮޑަށް އުއްމީދުކޮށްގެން ތިބެ، އައިސްލޭންޑު ރުއްސުމަށްޓަކައި، މަސްވެރިކަމުގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުން ވެސް ދޫދިނުމަށްވެސް އެ އިއްތިޙާދު އޮތީ ތައްޔާރަށެވެ.

ބްރަސެލްސްގެ އުއްމީދަކީ އައިސްލޭންޑް އީޔޫއާ ގުޅުމަކީ، އިއްތިޙާދު ފުޅާވުމުގެ ރަނގަޅު މިސާލަކަށް ހަދައި، މޮންޓެނެގްރޯ ފަދަ ކުދި ޤައުމުތައް އީޔޫއަށް އިތުރުކުރުމަށް މެންބަރު ޤައުމުތަކުގެ ރުހުން ހޯދުމެވެ.

އައިސްލޭންޑުގެ ސަރުކާރުން މި މަޝްވަރާތައް ފެށުން ސިފަކޮށްފައިވަނީ އީޔޫއާ ގުޅުމުގެ އެންމެ ފަހު ފުރުޞަތުގެ ގޮތުގައެވެ.

އައިސްލޭންޑުގެ ބޮޑުވަޒީރު ކްރިސްޓްރޫން ފްރޮސްޓަޑޮޓަރ ވިދާޅުވީ، ރައްޔިތުންގެ އަޣުލަބިއްޔަތުން ނޫނެކޭ ބުނެފިނަމަ އޭނާގެ ދައުރު ނިމޭ 2028 ވަނަ އަހަރާ ހަމައަށް އީޔޫ މެންބަރުކަމުގެ މައްސަލަ ސިޔާސީ އެޖެންޑާއަށް އަލުން ނުގެންނަވާނެ ކަމަށެވެ. އަދި އީޔޫގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ރަސްމީކޮށް އަނބުރާ ގެންދިއުމާމެދު ގޮތެއް ނިންމުން ޤާނޫނުހަދާ މަޖިލީހަށް ދޫކޮށްލާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މި ވޯޓުގެ ކެމްޕޭނުގައި އީޔޫއާ ގުޅުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދިޔައީ އީޔޫއާ ގުޅުމުން އިންޓްރެސްޓް ރޭޓްތައް ކުޑަކުރެވި، ޔޫކްރޭންގެ ހަނގުރާމައާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ދައްކަވާ ވާހަކަތަކުގެ ސަބަބުން ނުތަނަވަސްވެފައިވާ ދުނިޔޭގައި އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށެވެ.

ނަމަވެސް އީޔޫއާ ގުޅުމާ ދެކޮޅު ފަރާތްތަކުންނާއި ޤައުމުގެ މަސްވެރިކަމުގެ ސިނާއަތުގެ 90 އިންސައްތަ ކުންފުނިން ވަކާލާތުކުރީ އީޔޫގެ މެންބަރަކަށްވުމުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށާއި މަސްވެރިކަމުގެ ސަރަޙައްދަށް ނުރައްކާވާނެ ކަމަށް ބުނަމުންނެވެ.

ވޯޓުގެ ކުރިން އީޔޫގެ އެންލާޖްމަންޓް ކޮމިޝަނަރު މާޓާ ކޮސް ވިދާޅުވެފައިވަނީ، އައިސްލޭންޑުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޙާއްސަ ޙާލަތްތަކަށް ރިޢާޔަތްކޮށް، އީޖާދީ ޙައްލުތަކެއް ހޯދުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރުގެ މައްޗަށް އަމަލުކުރުން ލާޒިމުވާ ނިންމުމަކަށް ނުވި ނަމަވެސް، ރައްޔިތުންގެ ނިންމުމަށް އިޙުތިރާމްކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އުތުރު އެޓްލާންޓިކްގެ މި ޤައުމަކީ ޔޫރަޕިއަން އިކޮނޮމިކް އޭރިއާ އަދި ޝެންގެން ޒޯންގެ މެންބަރެއް ކަމުން، މި ނަތީޖާއާއެކުވެސް އީޔޫއާއެކު އޮތް ގާތް ގުޅުމަށް ބަދަލެއް ނާންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އައިސްލޭންޑުން އެންމެ ފުރަތަމަ އީޔޫއާ ގުޅުމަށް އެދުނީ 2009 ވަނަ އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެންނެވެ. ނަމަވެސް 2013 ވަނަ އަހަރު ވެރިކަމަށް އައި އީޔޫއާ ދެކޮޅު ސަރުކާރުން ވަނީ އެ މަޝްވަރާތައް ހުއްޓާލައިފައެވެ.