ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން ކުރިއަށްގެންދާ ޔޫތް ޑިވެޕޮލްމެންޓް ޕްރޮގްރާމް "ސީޑްސް"އަށް ހދ. ކުޅުދުއްފުށިން ލިބުނު ތަރުހީބު ބޮޑުކަމަށް ސީޑްސް ޕްރޮގްރާމްގެ ކޯޑިނޭޓަރ އިސްމާޢިލް ނަޒްވާން ބަދީޢު ބުނެފިއެވެ.
"ސީޑްސް" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކްރިކެޓް ފުޅާކޮށް، 2030 ގެ ކުރިން 5000 އައު ކުޅުންތެރިން ނެރުމުގެ އަމާޒުގައި ސީބީއެމްއިން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން ލ. އަދި ޏ. ގައި މި ޕްރޮގްރާމު މިހާރުވެސް ކުރިއަށްދާއިރު، މި ހަރަކާތް އެންމެފަހުން ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.
ހދ. ކުޅުދުއްފުށީގައި މި ހަރަކާތް ފަށާފައިވާއިރު، އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ނަޒްވާން ބުނީ ސީޑްސް ޕްރޮގްރާމު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔައީ ސްކޫލްތަކުގެ ޕީއީ ގަޑީގައި ކަމަށެވެ. އެގޮތުން ޕީއީ ގަޑިއަށް ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުދިންނަށް ކްރިކެޓް ތައާރަފްކޮށްދީފައިވާނެކަމަށާ، ކްރިކެޓް ކުޅެލާ ހިތުން ގިނަ އަދަދެއްގެ ކުދިން އައިކަމަށެވެ. އެހެންނަމަވެސް ވަގުތުކޮޅު ކުޑަވުމުގެ ސަބަބުން އެކުދިން ކުޅެލަން ބޭނުންވި ވަރަށް ވަގުތު ނުދެނުކަމަށް ނަޒްވާން ފާހަގަކުރިއެވެ.
"ފުދޭވަރަކަށް ރަނގަޅަށް ދިޔައީ. ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ސްކޫލުންވެސް. ކުދިންވެސް ވަރަށް ކުޅޭހިތުން އައީ. ވަގުތުކޮޅު ކުޑަވެފަ އޮތީ. އެންމެ އުނދަގޫކަމަކަށްވީ ގަޑިތައް އޮންނަ ގޮތުން. އެހެންނަމަވެސް ވަރަށް ގިނަ ކުދިން އައި" ނަޒްވާން ބުންޏެވެ.
ނަޒްވާން ބުނީ މި ހަރަކާތް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމުގެ ގޮތުން ކޮންމެ ސްކޫލަކުން ސްޕަވައިޒަރެއް ކަނޑައެޅި، ހަރަކާތް ކުރިއަށްގެންދަންވީގޮތުގެ އިރުޝާދު އެފަރާތައް ދީފައިވާނެކަމަށެވެ. އަދި ޕްރޮގްރާމު ހިންގުމަށް ބޭނުންވާނެ ސާމާނު ސީބީއެމްއިން ކުޅުދުއްފުއްޓަށް ފޮނުވުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.
"އެކޮޅުގެ ކޮންމެ ސްކޫލަކުން ސްޕަވައިޒަރެއް ކަނޑައަޅާފަ. އެ ސްޕަވައިޒަރަކަށް އަޅުގަނޑުމެން އިންސެންޓިވް ދީގެން، ޕްރޮގްރާމު ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުވާނީ ދީފައި. މިކޮޅުން ސާމާނުތައް އެކަމަށް ފޮނުވާނެ" ނަޒްވާން ބުންޏެވެ.
"ސީޑްސް" ޕްރޮގްރާމަކީ ވަކި ޖިންސަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ނޫނެވެ. އެހެންކަމުން ކުޅުދުއްފުށިންވެސް ކްރިކެޓަށް ޝައުގުވެރިކަން ހުރި އަންހެން ކުދިންވެސް އެ ހަރަކާތުގައި ބައިވެރިވިކަމަށް ނަޒްވާން ބުންޏެވެ. އަދި އުންމީދަކީ މިޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށިން އައު ކުޅުންތެރިންތަކެއް ނުކުތުންކަމަށް އޭނާވަނީ ބުނެފައެވެ.
ސީބީއެމްއިން މަސައްކަތްކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން ގދ. ތިނަދޫގައިވެސް މި ހަރަކާތް ފެށުމަށެވެ. އެގޮތުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަޝްވަރާގެ ކަންކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާކަމަށް ސީބީއެމްއިން ބުނެފަވެއެވެ.