އުމުރުން 35 އަހަރުގެ އަޙްމަދު ނާއިފަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ޗީފް މެކޭނިކަލް އިންޖިނިއަރެވެ. އޭނާ އެ ކުންފުނީގައި މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 7 އަހަރާއި ބައިވެއްޖެއެވެ.
ނާއިފުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިންޖީނުތައް އެންމެ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ކުރަންޖެހޭ ދުވަހު މަރާމާތުތަކާއި އިންޖީނުތައް ރޫޅައިގެން ކުރާ އޯވަރހޯލް މަސައްކަތްތައް ރާވައި ހިންގުމެވެ.
ނާއިފުގެ ހިތުގައި މެކޭނިކަލް މަސައްކަތްތަކަށް ޝައުޤުވެރިކަން އުފެދުނީ، ކުޑައިރު އޭނާގެ ބައްޕަ ގޭތެރޭގައި ހުންނަ ސާމާނުތައް ރޫޅައި މަރާމާތުކުރާތަން ފެނި، ބައްޕައާއެކު އެފަދަ މަސައްކަތްތަކުގައި ބައިވެރިވުމުގެ ތެރެއިންނެވެ. އޯލެވެލް ނިންމުމަށްފަހު ވަކި ދާއިރާއެއް ކަނޑަނޭޅި ހުރި ނަމަވެސް، އޭލެވެލްގައި ސްޓެމް މާއްދާތައް ކިޔަވަން ފެށުމާއެކު އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރަށް ބޮޑުވިކަމަށް ނާއިފު ބުންޏެވެ.
"ސްޓެމްގެ މާއްދާތައް ކިޔެވެން ފެށީމަ އަސްލު އެހިސާބުން އިންޖިނިއަރިންއަކީ ކަމެއްކަންވެސް އެނގުނީ. އެއީ، އޮންނަ ބަހެއްކަންވެސް. ކުލާހުގައި މިހެން ކިޔަވަން އުޅުމުގެ ތެރޭގައި އިންޖިނިއަރިންގެ ބަސްތަކާއި ޓާމްސްތައް އަޑުއިވުނީމަ އަސްލު މިކަމަށް ވަރަށް ބޮޑަށް ހޭނުނު. ދެން އެހެންވީމަ އަސްލު ހިތްޖެހިގެންދިޔަ. އަދި ހީވި ދޯ އަސްލު ކުޑައިރު އެހުރި ކިއުރިއޯސިޓީއަށް ފީޑުކޮށްލަން ވަރަށް ސަޅި ދާއިރާއެކޭ މިއީދޯ. ދެން އޭރު ޑިސައިޑްކޮށްފިން މިދާއިރާއިންނޭ ދާނީ. އެއީ، 2008ވަނަ އަހަރު. ދެން ހަމަ ދާއިރާއިން ކުރިއަަށް ގެންގޮސް މާސްޓަސްވެސް ހަދާ ދާއިރާގެ އަމަލީ މަސައްކަަތަށް ނުކުތީ." ނާއިފު ކިޔައިދިނެވެ.
މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު ނާއިފު އިންޖިނިއަރިން ދާއިރާގެ އަމަލީ މައިދާނަށް ނުކުތީ، ސްޓެލްކޯއިންނެވެ. ސްޓެލްކޯގައި މަސައްކަތް ކުރާތާ މިހާރު 7 އަހަރާއި ބައިވެފައިވާއިރު، ހަނދާނުން ނުނެތޭ އެތައް ކަމެއް ދިމާވެފައިވާކަން އޭނާ ޕީއެސްއެމް ނިއުސްގެ ޚާއްސަ ޕޮޑްކާސްޓުގައި ހިއްސާކުރިއެވެ. ނާއިފު ބުނިގޮތުގައި އޭނާ އަދިވެސް އެންމެ ހަނދާން ހުންނަނީ، ކޮވިޑު 19ގެ ދުވަސްވަރު މަސައްކަތުގައި އުޅުނު ގޮތްތަކެވެ.
"އެންމެ ހަނދާންވަނީ ހަމަ ކޮވިޑު ތެރޭގައި ހަމަ ދެމަސް ވަންދެން އިންޖީނުގޭގައި މަސައްކަތްކުރުން. އޭރު ހަމަ ޓީމާއެކު ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އެދުވަސްކޮޅުވެސް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދެވުނީ. ހަމަ އިންޖީނުގޭގައި ގާތްގަނޑަކަށް ދެމަސް ވަންދެން އުޅުނީ. ޓީމާއެކު އެދުވަސްވަރު ވަރަށް މަޖާ ކަންތައްތައްވެސް ދިމާވި." ސްޓެލްކޯގެ ޗީފް މެކޭނިކަލް އިންޖިނިއަރު ނާއިފް ކިޔައިދިނެވެ.
ސްޓެލްކޯގެ އަމަލީ މައިދާނުގައި ނާއިފު ބަލަހައްޓާ ބައެއް އިންޖީނުތަކަކީ އޭނާގެ އުމުރާ އެއްވަރުގެ، އެއީ 35 އަހަރުވެފައިވާ ދުވަސްވީ އިންޖީނުތަކެކެވެ. ނާއިފު އިސްވެ މި މަސައްކަތްތައް ކުރިއަށް ގެންދަނީ، ހުރިހާ މައުލޫމާތެއް ބެލެހެއްޓޭނެ ކޮމްޕިއުޓަރައިޒްޑް ނިޒާމެއްގެ ތެރެއިން މުވައްޒަފުން ތަމްރީނު ކުރުމާއެކުގައެވެ. އަދި އިންޖީނުގޭގެ އަޑުގަދަ، ހޫނުގަދަ މާހައުލުގައި ކުރަންޖެހޭ މި މަސައްކަތަކީ ވަރަށް ޒިންމާދާރު ކަމާއެކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނާއިފު ދެކެއެވެ.
ނާއިފު ބުނި ގޮތުގައި މި ދާއިރާއަކީ، ޒުވާނުން ކުރިއަށްދާން އެންމެ ރަނގަޅު އެއް ދާއިރާއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި އިންޖިނޭރުން އިންތިހާއަށް މަދުއިރު، މިއީ އެ ދާއިރާއަކަށް ދިވެހިން ނުކުތުން ބޭނުންތެރި ދާއިރާއެކެވެ. އަދި އޭނާ ދެކެން އެންމެ ބޭނުންވާ ދުވަހަކީ، ރާއްޖޭގެ ކަރަންޓު އުފެއްދުމުގެ ބޮޑުބައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ބަދަލުވެގެންދާ ދުވަސް ކަމަށްވެސް ނާއިފު ބުންޏެވެ.