އެސްޓަން ވިލާގެ އިނގިރޭސި ފޯވަޑް އޮލީ ވޮޓްކިންސް އެންމެ ފަހުން ސައުދީ ލީގުގެ އަލް ހިލާލް އަށް ސޮއިކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް އަލް ހިލާލަށް ސޮއިކޮށްފައިވަނީ 51 މިލިއަން ޕައުންޑްގެ ފީއަކަށް 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ވޮޓްކިންސް ހޯދުމަށް އަލް ހިލާލް އިން ފުރަތަމަ ހުށައެޅުމުން އޭނާ ވިއްކާނުލާނެކަމަށް އެސްޓަން ވިލާއިން ބުނެފައިވަނިކޮށް ވޮޓްކިންސް ވަނީ އޭނާ އަލް ހިލާލްއަށް ދާން ބޭނުންވާކަމަށް ބުނެ ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު ފުރަތަމަ މެޗުގައި ކުޅެން ދެކޮޅު ހަދާފައެވެ.
ނަމަވެސް ފަހުން އެނބުރި ޓީމުގެ ފަރިތަކުރުންތަކާއި ގުޅި އޭނާ ވަނީ މައާފަށް އެދިފައެވެ. އަދި އޭނާގެ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަދަ ގޮތަކަށް އެސްޓަން ވިލާ ދޫކޮށްދާނެ ޖެހިދާނެކަމަށް ދުވަހަކުވެސް ލަފާ ނުކުރާ ކަމަށެވެ.
އަދި އެސްޓަން ވިލާ ގައި އޭނާ ހޭދަކުރި ހަ އަހަރުގެ ތެރޭގައި އޭނާ ރަގަޅު ކުޅުންތެރިއެއްގެ އިތުރުން ރަގަޅު މީހަކަށް ހެދުމުގައި އެ ކްލަބުގެ ހިއްސާ ބޮޑު ކަމަށްވެސް ވޮޓްކިންސް ވަނީ ބުނެފައެވެ.
އެސްޓަން ވިލާއިން ވޮޓްކިންސް ވިއްކާލާފައިވާއިރު އެ ޓީމުގެ މޯގަން ރޮޖާރސް އާއި ޔޫރީ ޓިއެލެމަންސް ވެސް ވަނީ ލީގުގެ ވާދަވެރި ދެ ކްލަބަށް ވިއްކާލާފައެވެ. އެހެންކަމުން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެސްޓަން ވިލާއަށް މި ސީޒަނުގައި އެފަދަ ކާމިޔާބީއެއް ހޯދިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
ވޮޓްކިންސް ވަނީ އެސްޓަން ވިލާގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި އެ ކްލަބަށް ޕްރިމިއާ ލީގުގައި 91 ލަނޑު ޖަހާ ލީގުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.