ޚަބަރު

"އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމަށް، ސްޓެލްކޯގެ ދޮރު ވަނީ ހުޅުވިފައި"


  • ނިމިދިޔަ 2 އަހަރު އިންޖިނިއަރުންނަށް ރާއްޖެއިން ބޭރުން 1482 ފުރުސަތު ވަނީ ހޯދާދެވިފައި

  • އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުން

އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރު އަބަދުވެސް ހުޅުވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

އަޒުވަރު މިހެން ވިދާޅުވީ ޤައުމީ އިންޖީނޭރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ ޤައުމު ބިނާކުރުމުގެ ބުރަ އަދި ޤައުމީ މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި އިންޖިނޭރުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ޚާއްޞަކޮށް އެއިންޖިނޭރަކަށްޓަކައި ނުހަނު ފަޚުރުވެރިވާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވާކަމަށްވެސް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ޑރ. އަޒުވަރު ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަކަމަށާއި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ޓީމުގައި ތިއްބެވި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނޭރުންކަމަށެވެ. އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ޙާޞިލުކޮށްގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނޭރުން އެކުންފުނީގެ ޚިދުމަތުގައި ސާބިތުވެ ތިބިކަމީ ކުންފުންޏަށް ލިބޭ ޝަރަފެއްކަމަށެވެ. ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހުއްޓުމެއްނެތި، 24 ގަޑިއިރު އެންމެ ފުރިހަމަ ފެންވަރުގައި ފޯރުކޮށްދިނުމުގައި ދެމިތިބުމުގެ އަސްލަކީވެސް އެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޒްވަރު ވިދާޅުވީ މި މުހިންމު ދުވަހު ހަނދާން އައުކުރަނީ، މާޒީގައި ވަސީލަތްތައް މަދު، އިންޖިނިއަރިންގ ކިޔެވުމަކީ ނުހަނު ދަތި އަދި ބުރަ ކަމެއްގެ ގޮތުގައި އޮތް ޒަމާނުގައި، އެތައް ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިންޖިނޭރުންގެ ވާހަކަކަމަށެވެ. އަދި މިއަދު މި ދެކޭ ތަރައްޤީގެ ބިންގަލަކީ އެ ބޭފުޅުންގެ ދަލާއި ލޭކަމަށާއި މި މުނާސަބަތުގައި، މިހާރުވެސް ކުންފުނީގެ ހިދުމަތުގައި ދެމިތިބި އިންޖީނޭރުންނާއި، ކުންފުންޏަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އިންޖިނޭރުންގެ ޚިދުމަތުގެ އަގު އުފަލާއެކު ވަޒަންކުރާކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށްކަމަށާއި އެގޮތުން، ދުނިޔޭގެ މަޝްހޫރު އިންޖިނިއަރިންގ ކުންފުނިތަކުގެ ތަޖުރިބާ ހޯދައިދިނުމަށް، ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެންވެސް އިންޖިނޭރުންނަށް ވަނީ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެވިފައިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ 2 އަހަރަށް ބަލާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން 2024 ވަނަ އަހަރު 535 ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ފުރުޞަތު އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ހޯދައިދެވިފައިކަމަށް ވިދާޅުވިއެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް މިހާރުވެސް މިވަނީ ފަހިކޮށްދީފައިކަމަށް ވިދާޅުވިއެވެ. ޑރ. އަޒުވަރު ވިދާޅުވީ މިއަދު ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަކީ، ސްޓެލްކޯގެ ގިނަ އިންޖިނޭރުންނަކީ އެ ކުންފުނިން އުނގަންނައިދީ ތަމްރީނުކޮށް ނެރެދީފައިވާ އިންޖިނޭރުންކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ މިހާރު އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ ޢަދަދު ނިސްބަތުން މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި ކުރިއެރުމުން ފުރިގެންވާ، ޤައުމު ބިނާކުރުމަށްޓަކައި ޚިޔާރުކުރަން ނުހަނު މުހިންމު، ފުރުޞަތުތައް ތަނަވަސް، ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތަކަކީ އަބަދުވެސް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުޙަބާ ކިޔުމަށް ހުޅުވިފައިވާ ދޮރުތަކެއްކަމަށާއި އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ 24 ގަޑިއިރު ހުއްޓުމެއްނެތި ހިނގަމުން ދަނީ، އަދި ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ދެމެހެއްޓެވިފައި ވަނީ، އިންޖިނޭރުން ކުރައްވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތުންކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ފާހަގަކުރެއްވިއެވެ.