ޚަބަރު

އިންސާނީ ވަސީލަތް ބިނާކުރުމަށް ޖަޕާނުން މިލިޔަން ޑޮލަރުގެ އެހީ


  • 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ފުރުޞަތުވަނީ ފޯރުކޮށްދީފައި

  • މިފަހަރުގެ ޕްރޮގްރާމްގައި 3 ދާއިރާއަކުން މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް، ޖޭޑީއެސްގެ ދަށުން އަންނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޯލަރޝިޕް އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާނާއި ދެމެދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.

ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ދިވެހީން ބިނާކުރުމަށް އެކި ދާއިރާތަކުން ޚާއްސަ ސްކޯލަރޝިޕްތަކެއް ފޯރުކޮށްދެމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ފަރާތުން ސިވިލް ސަރވިސް މުވައްޒަފުން ތަމްރީންކުރުމަށް ދެއްވަމުންގެންދަވަނީ ނުހަނު ބޭނުންތެރި މުހިއްމު ފުރުޞަތުތަކެއްކަމަށެވެ. ޖަޕާނުން ފޯރުކޮށްދޭ ސްކޯލަރޝިޕްތަކުގައި އެޤައުމުގެ ބޮޑެތި ޔުނިވަރސިޓީތަކުގައި މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެކަމަށް ޝަފީޢު ވިދާޅުވިއެވެ.

"މިޕްރޮގްރާމަކީ ބޮޑަށް ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ޕަބްލިކް ސަރވިސް ހަރުދަނާކުރުމަށް ދެވޭ ސްކޯލަރޝިޕްތަކެއް. މިހާތަނަށް 36 ފުރުޞަތެއް 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ލިބިފައި އެބައޮތް." ޝަފީޢު ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން 152 މިލިޔަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން މަސްޓަރސް ފެންވަރުގެ ކޯސްތައް، ޕަބްލިކް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި އެންވަރަމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ޖަޕާނުގެ 3 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި ކިޔަވަމުންދާކަމަށެވެ. އަދި ކިޔަވާ ނިމިގެން އައިސް ސަރުކާރުގެ އެކި އޮފީސްތަކުގައި ޚިދުމަތްކުރަމުންދާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.