ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިކަން ނިންމެވީ، އާދީއްތަ ދުވަހު ކުރިއަށްގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ބަހުސް ކުރެއްވުމަށް ފަހުއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހޯދައި ނެގުމުގެ ޤާނޫނީ އޮނިގަނޑެއް މިވަގުތު ނެތުމުން އެފަދަ އޮނިގަނޑެއް ތަޢާރަފު ކުރުމަށެވެ. ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި، އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން މި ސިނާޢަތް ހަރުދަނާކޮށް، ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް އެކުލަވާލުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤުތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށް ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފަށްޓަވާފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ރާއްޖެއަކީ ބިންކުޑަ އަދި ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެކެވެ. ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމަނައިގެން ޖުމްލަ 900،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބެއެވެ. މިސަރަހައްދުން ކަނޑުގެ އެކި ވަސީލަތްތައް ހިމާޔަތްކޮށް އޭގެ ނަފާ ދިވެހިންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ، ޤާނޫނާއި ޤަވާއިދުތައް ހަރުދަނާކޮށް އަދި ނިޒާމީ ގޮތުންވެސް ބަދަލުތަކެއް ގެންނަމުންނެވެ.