ޚަބަރު

އެމްޓީސީސީގެ ބޯޑަށް ޢާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރަކު ހޯދަނީ


  • ބޯޑުގައި ހިއްސާދާރުން ތަމްސީލް ކުރާ ދެ ޑިރެކްޓަރުން ތިބޭނެ

  • ޑިރެކްޓަރުން އިންތިޚާބު ކުރާނީ އަހަރީ އާންމު ޖަލްސާގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިސިއްޔަތުން ސަރުކާރުގެ ފަރާތުން 05 (ފަހެއް) ޑިރެކްޓަރުން ޢައްޔަނު ކުރަން ޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން އިންތިޚާބު ކުރަން ޖެހެއެވެ.

އެގޮތުން ކުންފުނީގެ ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރުންގެ ބޯޑުގެ 2 މެންބަރުންގެ މަޤާމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެމްޓީސީސީން ވަނީ، ސީއެމްޑީއޭގެ ޤަވާއިދުތަކުގައި ބާރުއަޅާ ގޮތަށް މިމަޤާމުތަކަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެމްޓީސީސީން ކުރި ޢިޢުލާނުގައި މަޤާމުގެ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނެއެވެ. އަދި ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުމުގެ އިތުރަށް މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން ޝަރުތުކޮށްފައިވެއެވެ. މީގެ އިތުރުން ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތެއް ނުވުމާއި، އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެކުންފުނީގެ ޝެއަރހޯލޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް އަންނަމަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މި 02 މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.