އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބްރޫނާއީއާ އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މިޔަންމާގައި ކުޅުނު މިމެޗުން ޒުވާން ޓީމު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގައި ރާއްޖެ ޓީމުން ވަނީ އެޓޭކިން މޮޅު ކުޅިމެއް ދައްކައި، ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
މެޗު ފަށައިގެން ވެސް އަވަސް، އެޓޭކިން ގޭމެއް ކުޅެމުންދިޔަ ދިވެހި ޓީމުން މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 19ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުގައި ހުރެފައި ވަރަށް ހަމަޖެހިލާފައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޒުވާން އުއްމީދީ ތަރި އީތަން އިބްރާހީމް ޒަކީއެވެ.
ރާއްޖެއިން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކުރީވެސް ފުރަތަމް ހާފުގައެވެ. އޭރިއާ ތެރެއަށް ނައްސާޙް ނަގައިދިން ހުރަހެއްގައި ރަނގަޅު ތަނަށް އަރައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިލާން އިމްރާނެވެ.
މި ދެ ލަނޑުގެ އިތުރުން ވެސް ރާއްޖެއަށް ވަނީ މެޗުގައި ގިނަ ލަނޑުތަކެއް ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އިލާނާއި އަހުޒަމް ރަޝީދަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ލިބިގެންދިޔައިރު މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، ރާއްޖެއިން ދެވަނަ މެޗުގައި ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
މި ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ނުކުންނާނީ މިޔަންމާ އާއި ދެކޮޅަށެވެ.
މިޔަންމާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއަށް ފުރުސަތު ލިބުނީ ޑިވެލޮޕްމަންޓް ފޭސް އިންނެވެ.
އޭއެފްސީއިން ވަނީ ކޮލިފައިންގެ އޮނިގަނޑަށް ބަދަލު ގެނަސްފައެވެ. އެގޮތުން މި ފަހަރުގެ ކޮލިފިކޭޝަން ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފޭސް އެކެއްގައި ކުޅޭނީ ޑިވެލޮޕްމަންޓް ފޭސްގެ މެޗުތަކެވެ. އެއީ ދަށު ރޭންކުގެ މެޗުތަކެވެ. އަދި ފޭސް ދޭއްގައި ކުޅޭނީ މަތީ ރޭންކުގެ ގައުމުތަކާއެވެ.
ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް އޮތްއިރު، ރާއްޖޭ ލައްވާލި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާ އަދި ބްރޫނާއިއެވެ.