ޚަބަރު

ރަފީނިއާ އާއި ޔަމާލްގެ ލަނޑުތަކުން ބާސެލޯނާ މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ ޔަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި ފަންސާސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ރަފީނިއާ ޖަހާފައިވާއިރު ލަމީން ޔަމާލްވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.

ބާސެލޯނާ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ރަޔޯ ވަޔެކާނޯ އެވެ. އެއީ މެޗުގެ 12 ވަނަ މިނިޓުގައި ސާޖިއޯ ކަމޭލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުގެ 21 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ކުރި ހޯދަދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި މެޗުގެ ނަތީޖާ 3-1 އަށް ބަދަލުވެފައިވަނީ ރަޔޯ ވަޔެކާނޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.

ނަމަވެސް މެޗުގެ 59 ވަނަ މިނިޓުގައި ސާޖިއޯ ކަމޭލޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށް ބާސެލޯނާއަށް ޕްރެޝަރ ބޮޑުކޮށްފައެވެ.

ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ފަހު މިނިޓުގައި ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ރަފީނިއާ ޖެހި ދެ ލަނޑާއެކު އޭނާ ވެފައިވަނީ 2017 ވަނަ އަހަރަށްފަހު ލަލީގާގެ ފުރަތަމަ ތިން މެޗުގައި ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. މީގެ ކުރިން އެ ޝަރަފު ހޯދާފައިވަނީ ލިއޮނެލް މެސީއެވެ.