ޚަބަރު

ދެކުނު ލުބްނާނުގައި އަމަން ބެލެހެއްޓުމާ އީޔޫން ހަވާލުވަނީ


ދެކުނު ލުބްނާނުގައި ހަރަކާތްތެރިވަމުން އަންނަތާ ބައިގަރުނާ ގާތްވެފައިވާ އދގެ އަމަންބަލަހައްޓާ ފައުޖު (ޔުނިފިލް) ގެ ދައުރު 2026 ގެ ނިޔަލަށް ހަމަވާތީ، އެ ސަރަޙައްދުގައި އުފެދިދާނެ ސަލާމަތީ ހުސްކަން ފޫބެއްދުމަށް ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މިޝަނެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާތައް ފަށައިފިއެވެ.

ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ލުބްނާނުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދު ޙިޞާރުކޮށް، މެދުކެނޑުމެއްނެތި ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން، ގާތްގަނޑަކަށް 335,000 މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. މި ނާޒުކު ޙާލަތާ ގުޅިގެން، މި ހަފުތާގައި އަޔަލެންޑުގައި ބާއްވާ އީޔޫގެ ދިފާޢީ އަދި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި ލުބްނާނުގެ މައްސަލަ ވަނީ ހިމަނައިފައެވެ.

އީޔޫގެ ޚާރިޖީ އިދާރާ (އީއީއޭއެސް) އިން ހުށަހަޅާފައިވަނީ، ލުބްނާނުގެ އަސްކަރިއްޔާ (އެލްއޭއެފް) އާއި އިންޓަރނަލް ސެކިއުރިޓީ ފޯސަސް (އައިއެސްއެފް) ގެ ފުލުހުންނަށް އިރުޝާދުދީ، އެއްގަމާއި ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަން ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް 3 އަހަރުގެ ދުވަހުގެ އަސްކަރީ އަދި މަދަނީ މިޝަނެއް ހިންގުމަށެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މިއީ ޔުނިފިލްގެ ބަދަލުގައި ހިންގާ ހަރަކާތަކަށްވުރެ ބޮޑަށް، ލުބްނާނުގެ ދައުލަތުގެ ސަލާމަތީ އޮނިގަނޑު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ކާޔާ ކާލަސް ފާހަގަކުރެއްވި ގޮތުގައި، ލުބްނާނުގެ ސިފައިންނަށް އެހީތެރިވުމަށް ވިލާތުގެ ޤައުމުތައް ތައްޔާރަށް އޮތް ނަމަވެސް، ޔުނިފިލްގެ މިޝަން އެއްކޮށް ބަދަލުކޮށް އައު ޔޫރަޕިއަން މިޝަނެއް އެކުލަވައިލުމަށް މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ޝައުޤުވެރިކަމާމެދު އަދިވެސް ސުވާލު އުފެދެއެވެ.

ޔުނިފިލް އުފައްދާފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު 19ގައި، ޔަހޫދީ ދައުލަތުން ލުބްނާނުގެ ދެކުނަށް އަރައިގަތުމާ ގުޅިގެންނެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން މިޝަންގެ ދައުރު ފުޅާކުރެވުނު ނަމަވެސް، ބާރުގެ ބޭނުންކޮށްގެން ކަންކަން ތަންފީޒުކުރުމުގެ ފުރިހަމަ އިޚްތިޔާރެއް އެ ފައުޖަކަށް ލިބިފައެއް ނުވެއެވެ. ޔުނިފިލްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ހަމައެކަނި ކަންކަން ބަލައި މޮނިޓަރުކޮށް ރިޕޯޓުކުރުމެވެ.

އަދި ޔޫރަޕުގެ އައު ފައުޖަކަށްވެސް ޔަހޫދީންގެ ނިރުބަވެރި ސިފައިން ފޭބިކަން ކަށަވަރުކުރުން ނުވަތަ ލުބްނާނުގައި ޙަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުން ހަތިޔާރު އަތުލުމުގެ ޒިންމާ ޙަވާލުނުކުރެވޭނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތޭރޭސް ވަނީ ސަލާމަތީ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި މިހާރު ތިބި 7,000 ސިފައިންގެ ޢަދަދު 900 އާއި 3,000 އާ ދެމެދުގެ ޢަދަދަކަށް މަދުކުރުން ހިމެނެއެވެ.

މި ނާޒުކު ދަނޑިވަޅުގައި ލުބްނާނުގެ ދެކުނުގައި އަމަން ބަލަހައްޓާ ފައުޖެއް ނެތި ސަލާމަތީ ހުސްކަމެއް އުފެދުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، އެ ފުރުޞަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމެރިކާ މެދުވެރިކޮށް ލުބްނާނުގެ ސިފައިންނަށް ފިއްތުންތައް ކުރިމަތިކުރުވައި، ޔަހޫދީ ދައުލަތުން އެދޭ ގޮތަށް ކަންކަން ބައްޓަންކުރުމުގެ ޖާގަ ލިބިގެންދާނެތީއެވެ.

އެމެރިކާއިން ޔަހޫދީ ދައުލަތާއި ލުބްނާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާތާ މަސްތަކެއް ވެފައިވީ ނަމަވެސް، ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށާއި ލުބްނާނުގެ ބިންތަކުން ފޭބުމަށް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އަދި މިދިޔަ އޯގަސްޓު މަހު ރޯމުގައި ބޭއްވި މަޝްވަރާތައްވެސް ވަނީ އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި ނާކާމިޔާބުވެފައެވެ.

މާހިރުން އިއްތިފާގުވާ ގޮތުގައި، ދެފަރާތުގެ މެދުގައި ސިޔާސީ ހަރުދަނާ އެއްބަސްވުމަކާއި އެކަން ތަންފީޒުކުރާނެ ހަރުދަނާ ނިޒާމެއް ނެތި ވިލާތުގެ މިޝަނެއް ޤާއިމުކުރި ނަމަވެސް، ޔުނިފިލްއަށް ކުރިމަތިވި ފަދަ ގޮންޖެހުންތަކާއި ނާކާމިޔާބީތަކާ އަނެއްކާވެސް ކުރިމަތިލާންޖެހޭނެއެވެ.